Sunday, October 21, 2007

އައްޑޫ އެއަރޕޯޓަށް އަންނަ އިންޓަނޭޝަނަލް ފުރަތަމަ ފްލައިޓާއެކު އަންނަމަހު 7 ގައި ހެރެތެރިސޯޓު ހުޅުވޭނެ: ޝައުޤީ

20 October 2007 sharin

އަންނަމަހު 7ގައި ހެރެތެރެ ރިސޯޓް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ހުންނަވައިގެން އިރު އޮބްޒާވަރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ޝައުޤީ މިއަދު ވިދާޅުވީ، ހެރެތެރެ ހުޅުވޭދުވަސްކަމުގައިވާ އަންނަމަހުގެ 7 ވަނަ ދުވަހު ބައިނަލް އަޤްވާމީ ވައިގެ ދަތުރުތައްވެސް އައްޑޫ ބައިނަލް އަޤުވާމީ ވައިގެ ގަނދަރަށް ފެށިގެން ދާނެ ކަމަށެވެ.

އެދުވަހު 7:45 ގައި ޖަރުމަނުން ފަތުރުވެރިން ގޮވައިގެން އަންނަ ކޮންޑޯ ފްލައިޑް އައްޑޫ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަށް ޖެއްސުމަށް ހަމަޖެހިފައިވާކަމަށްވެސް ޝައުޤީ ވިދާޅުވިއެވެ.ހެރެތެރެއަކީ، މޯލްޑިވްސް ޓޫރިޒަން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެދް (އެމް.ޓީ.ޑީ.ސީ)ގެ ފުރަތަމަ ރިސޯޓެވެ.

ދެ ފެނެވަރެއްގައި ހެރެތެރެ ރިސޯޓުގައި ކޮޓަރިތަށް ހަދާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، 120 ޔަކޫޒީ ބީޗް ވިލާއާއި، 180 ބީޗް ވިލާއެވެ.

އެގޮތުން ޖުމްލަ 300 ކޮޓަރި/600 އެނދު މިރިސޯޓްގައި ހިމެނެއެވެ. މީގެ އިތުރުން އެރިސޯޓަގައި ހިމެނޭ 3 ސުވިމިންގ ޕޫލްގެ ތެރޭން އޮލިމްޕިކް ސައިޒަށްހަދާފައިވާ 50 މީޓަރުގެދިގު ޕޫލެއްވެސް ހިމެނެއެވެ. މިރިސޯޓުގެ ކޮޓަރީގެ އަގުތަށް ހަމަޖެހިފައިވަނީ، ފުލްބޯޑު ޑަބަލް ރޫމެއް ދުވާލަކަށް 165 ޑޮލަރަށެވެ.

އަދި ޑަބަލް ރޫމެއް ދުވާލަކު 190 ޑޮލަރަށް، ޔަކޫޒީ ބީޗް ވިލާއިން ސިންގަލް ރޫމެއް ދުވާލަކަށް 240 ޑޮލަރު، ފުލްބޯޑު ޑަބަލް ރޫމެއް ދުވާލަކު 354 ޑޮލަރަށެވެ.މިއަހަރުގެ ޖޫންމަހު ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދިޔަ ހެރެތެރެ ރިސޯޓަކީ އައްޑުއަތޮޅުގެ ތިރީސް ހާހަށްވުރެ ގިނަ ރައްޔިތުންގެ އުއްމީދުތަކާވެސް ވަރަށްބޮޑަށް ގުޅިފައިވާ ރިސޯޓެކެވެ.

އެއީ އެއަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ އިޤްތިސާދީ މާލީ ތަނަވަސްކަން އިތުރުވެގެންދާނެތީއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ހެރެތެރެ ރިސޯޓުން 900 ވަޒީފާ ހުޅުވިގެންދާނެއެވެ. އަދި އެރިސޯޓުން ވަޒީފާ ދިނުމުގައި ދިބެހިންނަށް އިސްކަންދިނުމަށާއި، ޚާއްސަކޮށް އައްޑުއަތޮޅުގެ ރައްޔިތުންނަށް އިސްކަން ދިނުމަށްވެސް އެމް.ޓީ.ޑީ.ސީން ވަނީ ނިންމާފައެވެ.

No comments: