ކ. ވިލިވަރަށާއި ބިޔަދޫ އަށް ޔޮޓް ޓްއާސް މޯލްޑިވްސް އިން ހުށަހެޅި ބީލަމަކީ ސައްހަ ބީލަމެއް ކަމަށް ހައި ކޯޓުން ހުކުމް ކުރުމާގުޅިގެން އެ ދެ ރަށުގެ ތެރެއިން ރަށެއް އެ ކުންފުންޏަށް ކާމިޔާބުކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ހެދި ރިޕޯޓުގައި ވިލިވަރު ކާމިޔާބުކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ފަސް މެމްބަރުންގެ ކޮމެޓީގެ ރިޕޯޓުގައި ނެތް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ވާހަކަ ދެއްކެވި އިސް ވެރިއަކު ވިދާޅުވީ ފަސް މެމްބަރުން ހިމެނޭ ކޮމެޓީން ތައްޔާރުކޮށް ހުށަހެޅި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ބިޔާދޫ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް ވިލިވަރުގެ ވާހަކަ ރިޕޯޓުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
”އެއް ރަށުގެ ވާހަކަ ވިދާޅުވެފައިވާ އިރު އަނެއް ރަށުގެ ވާހަކަ ވިދާޅުވެފައެއް ނެތް. ރިޕޯޓުގައި އޮތީ ބިޔާދޫގެ ވާހަކަ,“ ރައީސް އޮފީހުން ވާހަކަ ދެއްކި އިސް ވެރިޔަކު ވިދާޅުވި އެވެ.
ވިލިވަރު ކާމިޔާބުކުރުމުގެ ފުރުސަތު ޔޮޓް ޓްއާސް އަށް ލިބޭތޯ ނުވަތަ ނޫންތޯ ވެސް ކޮމެޓީގައި ބަޔާންކޮށްފައިނުވަނީ ކީއްވެތޯ ސާފުކުރުމަށް ކޮމެޓީގެ އިސް ބޭފުޅަކާ ގުޅުމަށް މިއަދު ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.
ފަސް މެމްބަރުންގެ ކޮމެޓީން ހެދި ކޮމްޕެރެޓިވް އެސެސްމަންޓުގެ ރިޕޯޓުގައި ޔޮޓް ޓްއާސް އަށް ބިޔާދޫ ކާމިޔާބުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައިވާތީ, އެ ކުންފުންޏަށް އަދުލުވެރި ބަދަލު ދޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
”އެ ފުރުސަތު އެ ކުންފުންޏަށް ގެއްލިގެން ގޮސްފައިވާކަމަށްޓަކައި ޔޮޓް ޓްއާސް އަށް އަދުލުވެރި ބަދަލު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައިފައި,“ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ކުންފުންޏަށް ދޭ އަދުލުވެރި ބަދަލުގެ މިންވަރު އަންދާޒާކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބު އިބްރާހީމް އިސްމާއީލާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބު އަހުމަދު އަލި މަނިކާއި އެނަޖީ މިނިސްޓަރުގެ ނާއިބު އަބުދުލް ރައްޒާގު އިދުރިސް އާއި މާލޭ މިނިސިޕަލްޓީގެ ރައީސް އަބުދުﷲ ސަލީމާއި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ހާފިޒު ހިމެނިވަޑައިގަންނަވާ ކޮމެޓީން ތައްޔާރު ކުރި ރިޕޯޓުގައި ވިލިވަރު ކާމިޔާބުކުރުމުގެ ފުރުސަތު ޔޮޓް ޓްއާސް އަށް ލިބޭ ކަމެއް ނުވަތަ ނުލިބޭކަމެއް އެނގޭވަރުގެ މައުލޫމާތެއް ރައީސް އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ކޮމެޓީގެ ނިންމުމާ މެދު ހިތްހަމަޖެހިވަޑައި ގަންނަވާތޯ ދެންނެވުމުން ޔޮޓް ޓްއާސްގެ ޗެއާމަން އަބުދުﷲ ޖާބިރު ވިދާޅުވީ މި ވަގުތު އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށާއި އެ ކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަރަށް އަވަހަށް ނޫސް ކޮންފަރެސްއެއް ބާއްވާނެ ކަމަށެވެ.
”ވަރަށް ކުއްލިއަކަށް ފުރަން ޖެހޭތީ އާއި ވަގުތުގެ ދަތިކަމުން ދަތުރު ނިންމާލުމަށް ފަހު އަންނަ ހަފުތާގައި ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދޭނަން,“ ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅުގެ މެމްބަރުކަން ވެސް އަދާކުރައްވާ ޖާބިރުވިދާޅުވި އެވެ.
އެ ދެރަށަށް ޔޮޓް ޓްއާސް އިން ހުށަހަޅާފައިވާ ދެ ބީލަމަކީ ސައްހަ އެއްޗެއް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ހުކުމް ކުރިތާ އެއް އަހަރުވެގެން ދިޔަ އިރު ވެސް އެ ކުންފުންޏަށް ލިބެން ޖެހޭ ބަދަލެއްގެ މައްސަލަ ސަރުކާރަށް ވަނީ ނުނިންމި އެވެ.
No comments:
Post a Comment