”އެ ރަށަކީ އއ. އަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން އެންމެ ރަނގަޅު ރައްޔިތެއް އުޅޭ އެއް ރަށް. އަދި ވަރަށް ކިޔަމަންތެރި ރައްޔިތުން ތަކެއް އުޅޭ އެއްބައިވަންތަ ރަށެއް އެއީ ވަރަށް ފަހަކާ ޖެހެންދެން. ނަމަވެސް މިހާރު އެރަށް އެވަނީ ހަލާކުވެފައި. ބައިބައިވެފައި. އެރަށުން ފެންނަނީ ބައިބައިވުމާ ދެކޮޅުވެރިކަން,“ އެންމެ 500 އެއްހާ މީހުން ދިރިއުޅޭ އއ. ހިމަންދުއާ ބެހޭ ގޮތުން އެ އަތޮޅުގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި އެވެ.
މިދިޔަ ހަފުތާތެރޭގައި އެ ރަށުން ފެނިގެންދިޔަ ހާދިސާތަކަށް ބަލާއިރު އެ ވާހަކަތައް ގަބޫލުކުރަން ޖެހެ އެވެ. އެ ރަށުގައި ވަކިން މިސްކިތް ހަދައިގެން ނަމާދުކުރަމުންދިޔަ ބަޔަކާ ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ވަނީ 46 މީހަކަށް ތަފާތު އަނިޔާތައް ލިބި, 63 މީހުން ހައްޔަރުކޮށްފަ އެވެ. އަނިޔާ ލިބުނު މީހުންގެތެރޭގައި 34 މީހުންނަކީ ގައުމީ ސަލާމާތީ ބާރުތަކުގެ މުވައްޒަފުންނެވެ. އަނެއް 12 މީހުންނަކީ ފުލުހުންނާއި ސިފައިންނަށް އަމާންނުދީ އުޅުނު މީހުންގެ ތެރެއިން ބައެކެވެ.
ވަކިން މިސްކިތް ހަދައިގެން ނަމާދުކުރުމާއި ރަސޫލާގެ ސުންނަތާ އެއްގޮތަށް އަމަލުކުރާ ކަމަށް ބުނާ މީހުންނާ މެދު ހިތްހަމަނުޖެހިގެން ހިންގާ ހަމަނުޖެހުމުގެ ސަބަބުން އެ ރަށްވަނީ ނުރައްކަލަށް ވެއްޓިފަ އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ސަލްޓަން ޕާކުގައި ގޮއްވާލި އިންޕްރޮވައިސް އެކްސް ޕްލޯސިވް ޑިވައިސް)އައިއީޑީ( ގެ މައްސަލައި ސުވާލުކުރުމަށާއި ހައްޔަރުކުރުމަށް ބޭނުންވާ މީހުން ހޯދުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގައި ގައުމީ ސަލާމާތީ ބާރުތަކުން ވަނީ އެރަށުގައި ހަރަކާތްތެރިވާން ފަށާފަ އެވެ. ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އެރަށުގައި ހަރަކާތްތެރިވާން ފެށުމާއެކު, ވަކިން މިސްކިތް ހަދައިގެން އުޅޭ މީހުން ވަނީ އެ މީހުން ނަމާދު ކުރުމަށް އެރަށު ”އަލްހައިރު“ގައި ހަދާފައިވާ މިސްކިތް ހިމާޔަތްކުރާނެކަމަށް ބުނެ އެ މިސްކިތް ހުރި ސަރަހައްދަށް ޖަމާވެފަ އެވެ. ކޮން ބައެއްކަން ނޭނގޭގޮތަށް މޫދުގައި ފޮތި ބަދެގެން ބޮލުގައި ހެލްމެޓް އަޅައިގެން ލަޓިބުރި ހިފައިގެން ތިބި މީހުން ގޮވަމުންދިޔައީ ފުލުހުން ބޭނުންވާ ބަޔަކު ހޯދުމަށް ހަރަކާތްތެރިވުމަށެވެ. ނަމަވެސް ފުލުހުން ބޭނުންވީ މިސްކިތް ކައިރި އަށް އެއްވެފައިވާ މީހުންތައް ރޫޅާލުމަށެވެ. އަދި އެ އެއްވުމަކީ ގާނޫނު އަސާސީއާ ހިލާފަށް އެއްވެފައިވާ އެއްވުމެއް ކަމަށާއި އެހެންވެ އެ ގޮތަށް އެއްވެ ނުތިބެވޭނެ ކަމަށް ބުނަމުން ނެވެ.
ފުލުހުންގެ ވާހަކަތަކަށް އިޖާބަނުދިނުމުން ފުލުހުންގެ ފައުޖުން އެ މީހުންނާ ކުރިމަތިލި އެވެ. ނަމަވެސް ވަރަށް ކުޑަ ހިދުކޮޅަކަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ފައުޖުވަނީ ފަހަތަށް ޖެހި ފަ އެވެ. އޭގެ ފަހުން ސިފައިންގެ ބަޔަކާއެކު އެ މީހުންނާ ދިމާކުރި އެވެ.ނަމަވެސް އެ ދެބައި މީހުންގެ ކުރިމަތީގައި މަދު މީހުންކޮޅު އަމާންނުދިނުމުން ގައުމީ ސަލާމާތީބާރުތަކުން ފަހަތަށް ޖެހުނެ އެވެ. އެ ކުރިމަތިލުމުގައި ވަރަށް ގިނަ ބަޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.-
އެއީ މި ހަފުތާގައި ހިނގި ކަންތައްތަކެވެ. އޭގެކުރިއަށް ޖެހިލާއިރު މިދިޔަ ރޯދަ މަހު ވެސް ވަނީ އެ މީހުން ނަމާދުކުރާ ތަން ބަންދުކޮށް 16 މީހުން ހައްޔަރުކޮށްފަ އެވެ. ބަންދުކޮށްގެން ފުލުހުން ގެނައި މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް އެ ދައުވާ ނިމުމަކަށް ނާދެ އެވެ. އެ މައްސަލަ ނުނިމެނީސް އިތުރު މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ.
އެ ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މުޅި ރަށް ބައިބައިވެ ވަކިން ނަމާދުކުރާ މީހުންނާ އެއް ގަލަކަށް ނޭރި މައްސަލަ ހޫނުފެނުގެ ތެރެ އަށް ގެނބިގެންދިޔައީ ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާގޮތުގައި އެޅިފައިނުވާތީ އެވެ. ”އެއީ ދީނީގޮތުން ވަރަށް ތަފާތު ބައެއް އަހަރުމެންނާ. އެކަން ފެށިގެން އައިސް މިހިސާބަށް ދިޔައިރު ވެސް ސަރުކާރުން އެކަން ހުއްޓުވައި އެ މީހުންނާ ވާހަކަ ދައްކާ ރަނގަޅުގޮތެއް ހޯދާކަން މަސައްކަތެއްނުކުރޭ. ކޮންމެ ފަހަރަކު ފުލުހުން އައިސް މީހުންތަކެއް ހައްޔަރުކުރުމަކުން މިކަމެއް ނުނިމޭނެ. މި އުޅެނީ ގަބޫލުކުރާ އުސޫލާއި ގޮތްތަކެއްގެ މައްސަލައެއް,“ ނޫހުގައި ނަން ޖެހުމަށް ބޭނުންނުވާ އެރަށު މީހަކު ބުންޏެވެ. އޭނާ ބުނީ ރަށުގެ އެއް ބަޔަކު ނަމާދަށް އަރާ މިސްކިތަށް ނަމާދަށް ނާރާ ވަކިން ނަމާދުކުރަން ފެށީ ތަފާތު މައްސަލަތައް ޖެހެމުން ގޮސް ހައްލުނުވެގެން ކަމަށެވެ.
”ދީނުގެ ކަންތައްތައް އެމީހުން ކުރަނީ ރަސޫލާގެ ސުންނަތުގައިވާ ގޮތަށްކަމަށް ބުނެގެން. އެއީ ސައްހަގޮތެއް ނޫން ނަމަ އެކަން ދަދީލުކޮށްދީ އެ މީހުން ރަނގަޅުކުރަން ބޮޑެތި މަސައްކަތްކުރަން ޖެހޭނެ. އެކަމަކު އެކަމަށް މާ ބޮޑުކަމެއްނުކުރޭ. މަތީ މަޖިލިސް އޮތީ އޮތްތަނެއްގައި,“ ސަރުކާރުގައި ވަޒީފާ އަދާކުރާ ފިރިހެނަކު ބުންޏެވެ.
ދީނީ ނަސޭހަތް ދިނުމަށް ސަރުކާރުން އެ ރަށަށް ޓީމުތައް ފޮނުވި ނަމަވެސް އެ ރަށުގައި ވަކިން ނަމާދުކުރާ މީހުންގެ ކަންތައްތައް ހުރި މިންވަރަށް ބަލާއިރު ސަރުކާރުން އެކަން ހައްލުކުރުމަށް ކުރި މަސައްކަތާ މެދު ހިތްހަމަނުޖެހޭކަމަށް އޭނާ ބުންޏެވެ.
”ދީނީ ނަސޭހަތް ދިނުމުގެ ކަންތައްތަކެއް ހިންގުނު. ނަމަވެސް އެ މީހުން ކަންތައްތައް އޭރު ވެސް ވަނީ ވަރަށް މަތީގައި. އެ މީހުންގެ ކަންތައްތައް އެ ހިސާބުގައި ހުރި އިރު އެ ފަދަ ބަޔަކު ރަނގަޅުކުރުމަށް މަސައްކަތްކުރަން ޖެހޭވަރަށް މަސައްކަތްނުކުރެވޭކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އެންމެ ފުރަތަމަކޮޅު ވަރަުގަދައަށް ޖެއްސުނުނަމަ މިހާ ހިސާބަށް އެކަންތައްތައް ނުގޮސް ހައްލުވާނެ,“ އއ. އަތޮޅުގައި ވަރަށް އިސްކޮށް މަސައްކަތް ކުރާ ވެރިއަކު ވިދާޅުވި އެވެ.
ނޫހުގައި ނަންނުޖެހުމަށް އެދި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދީނީ މައްސަލަތައް ހައްލުކުރުމުގައި ބާރުގެ ބޭނުންކުރުމަކީ ހައްލެއްކަމަށް ނުދެކޭ ކަމަށާއި ދީނުގެ ނަމުގައި ބަޔަކުނުކުމެ އުޅެމުންދާއިރު ހަތިޔާރަށް ނުގުނޑާނެކަން ސަރުކާރުން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
”ދީނަން ޓަކައޭ ބުނެ އެ ތިބަ ޖާނު ގޮއްވާލަނީ އެކި ގައުމުތަކުގައި. އެ ފަދަ ހިސާބަށް ކަންތައްތައް ގޮސްފައިވާ އިރު ރާއްޖޭގައި ވެސް އެ ފަދަ މީހުން ތިބެދާނެ. ބާރުގެ ބޭނުންކުރުމަކީ އެ ކަހަލަ ކަމެއް ހައްލުކުރުމަށް އެންމެ ރަނގަޅު ވަސީލަތައް ނުވެދާނެ. ކުޑަކުދިން ވެސް އެ ބުނަނީ ތިމަންނަމެންނަކީ މުޖާހިދުންކަމަށް. އެ ވަރަށް ގޮސްފައިވާ އިރު ހަތިޔާރާއި ބާރު ބޭނުންކުރުން އެއީ ގޯހެއް,“ އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ކޮންމެ ރޯދަ މަހެއްގައި ހިމަންދޫގައި ހިނގާ ހަމަނުޖެހުމުގެ ސަބަބުންނާއި އެރަށުގައި ވަކިން ނަމާދުކުރާ މީހުންނާއި ރަށުގެ އެހެން މީހުންނާމެދު އޮންނަ ގުޅުން ކުޑަކަމުގެ ސަބަބުން ގިނަ ބަޔަކު ތިބެނީ ބިރުވެރިކަމެއްގެތެރޭގަ އެވެ. ނަމަވެސް މަދު އާބާދީއެއް ހިމެނޭ އެ ރަށު މީހުން މިއަދަކު ކުރާނެކަމެއް ނެތެވެ. ދެތިން އަހަރު ދުވަސްވީ އިރު ވެސް ހައްލުނުކުރެވުނު މައްސަލައިގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ބާވަ އެވެ؟
No comments:
Post a Comment