ސަރުކާރެއް ދެމިއޮތުގެ ބޭނުމަކީ ކޮބައިބާއެވެ؟ ނުވަތަ ސަރުކާރެއްގެ އެންމެ އަސާސީ ރުކުނަކަށް ވާންވާނީ ކޮންކަމެއް ބާއެވެ؟ މިއީ މިހާރު އުފެދޭ ސުވާލެކެވެ. ރައްޔިތުން ނެތްތަނެއްގައި ސަރުކާރެއް ނޯންނާނެއޭ ބުނާތީ އަޑުއަހަމެވެ. މިއަދުގެ އާންމު ހާލަތަށް ބަލައިލާއިރު ސިފަވަމުންދަނީ ހިދުމަތާއި ތަކެތީގެ އަގުތައް އެއްދުވަހުން އަނެއްދުވަހަށް އުފުލެމުންދާދިއުމެވެ. މިއީ ދުނިޔޭގެ މާރުކޭޓްތަކުގައިވެސް ކަންހިގާ ގޮތްކަމަށް ވިޔަފާރިތައް ހިންގާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮންމެ ގޮތަކަށް ކަން އޮތްކަމުގައިވީނަމަވެސް ތަނުގައި ދިރިއުޅޭ ފަރުދުންގެ ފުދުންތެރިކަން ބިނާވެފައިވަނީ ލިބޭ އާމުދަނީއެއްގެ މައްޗަށެވެ. ލިބޭއާމުދަނީން ދެކޮޅު ނުޖެހޭނަމަ ދެންނުކުންނާނީ އިޖުތިމާއީ ތަފާތު ބަލިމަޑުކަމެވެ. އެއީ ކަމުގެ މާހިރުންނާއި މިދާއިރާގެ އިލުމުވެރިން ބުނާތީ އިވޭ ވާހަކައެވެ.
“ އަހަރެމެންގެ ދިރިއުޅުން ބައްޓަށްކޮށްދިފައިމިވަނީ އަތްދިއްކުރަން ޖެހޭގޮތަށް. އެއީ ހުރިހާކަމެއްގައިވެސް އޮތްގޮތް، ބަލިވީމަ ބޭސްފަރުވާކުރަން ދާންޖެހޭނީ އެހީހޯދަން ދުވަން، އަމިއްލައަށް ކުރެވޭނެ ގޮތެއް ނޯންނާނެ، މި އުސޫލުތައް ދޫކުރެވޭނީ ސަރުކާރުން އެކަންތައްތައް އެނޫންގޮތަކަށް ބަދަލުކޮށްގެން، މިހާރު ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އެންމެ ކުޑަމިނުން ސަރުކާރުން އެބަޖެހޭ ވިޔަފާރިވެރިން އެ ދައްކަނީ ތެދުވާހަކައެއްތޯވެސް ބަލާލަން. ހަގީގަތުގައި ސަރުކާރުން ޖެހޭނެ ރައްޔިތުންގެ އަނގަޔާ އަތާ ދިމާކޮށްދޭން، އެއްގޮތަކީ ސަރުކާރު މުވައްޒަފުންގެ މުސާރައާ އެއްމިންގަނޑަކަށް ހިދުމަތްތަކާއި ތަކެތީގެ އަގުތައް ތިރިކުރަންވީ. ނޫނީ ތަކެތީގެ އަތުތަކާއި ހިދުމަތްތަކުގެ އަގުތަކާއެއްވަރަށް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭންވީ، އެއީ ސަރުކާރަށް ކޮށްދޭންޖެހޭނެކަމެއް، ފެންކުންފުނިން، ސްޓެލްކޯއިން ސާފުފައިދައިގެ ބޮޑުއަދަދެއް ސަރުކާރަށް ފައިދާގެ ގޮތުގައި ދިނީމޭ ބުނަން ދަލުގަންނަން ޖެހޭނެ، އެއީ އަސާސީ ހިދުމަތެއް” ޖޮބްމާކެޓް ހިންގެވުމާއި ހަވާލުވެހުންނެވި ޝިނާން އަލީ ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތައް ދެންދަމާހިގާށެވެ. ޚިދުމަތުގެ އަގުތައް މިވަނީ އިންތިހާއަށް މައްޗަށް އަރާފައެވެ. ދަތުރުފަތުރާއި، ބޭސްފަރުވާއަށް ބެއްޔަސް ކަންހުރީ މިހެނެވެ. ދެންއޮތީ ދިރިއުޅުމުގެ އަސާސީ ރުކުނެކެވެ. ބޯހިޔާވަހިކަމެވެ. އެކަންތައްތައްވެސް އޮތީ މިހާލަތުގައެވެ. އޭގެ ފަހުގައި ކެއިން ބުއިމެވެ. އެވާހަކަ ދެއްކޭކަށްވެސް ނެތެވެ. މުޅިބާޒާރުގެ އަގުތައް ފަތުއަޑުކިޔާފައިދަނީ މައްޗަށެވެ. މިއީ ދިއުޅުމަކަށް ބޭނުންވާނެ މައިގަނޑު ބައިތަކެވެ. ހުރިހާ ދިމާލަކުންވެސް އަގުތައް ދަނީ އުފުލެމުންނެވެ. އެއްދުވަހުން އަނެއްދުވަހަށެވެ. ނަމަވެސް ލިބޭ އާމްދަނީ އިތުރެއް ނުވެއެވެ.
“ ސަރުކާރުގައި މަސައްކަތްކޮށްގެން މި ލިބެނީ ހުރިހާ އެއްޗެއް އެއްކޮށްލައިގެން ފަސްވަރަކަށް ހާސްރުފިޔާ، އެއިން ފެންބިލާއި ކަރަންޓްބިލް އަދި ފޯނު ބިލާއި ގޭކުލި ދެއްކޭނެތަ؟ އެންމެ އައިދާގެ ކޮޓަރި ގަނޑެއްވެސް މިލިބެނީ ފަސްހާސް ރުފިޔާއަށް، ކޮބާ ކެއުމާއި އެހެނިހެން ޚަރަދުތައް، އެކަމަކު ސަރުކާރުގެ ސަމާލުކަމަށް މިކަމެއް ނާދޭ، ހަގީގަތުގައި މިހާރު ސަރުކާރު މުވައްޒަފުން މި ދިރިއުޅެނީ ސަލާމް ޖަހާ ހިސާބުގައި، މަސައްކަތްވެސް ކުރެވޭނީ ވަކިވަރަކަށް، އެވަރުންވެސް އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރަށް ކަންބޮޑުވީ ރައީސުލް ޖުމުހޫރިއްޔާގެ މުސާރަ ދެ ލައްކައަށް ނުހެދިގެން” ސަރުކާރުގައި މަސައްކަތްކުރާތާ ގިނަދުވަސްވެފައިވާ ނ،ވެލިދޫއަށްއުފަން، އަހުމަދު ކިޔާދިނެވެ.
ސަރުކާމުވައްޒަފުންގެ މުސާރައިން ދެކޮޅުނުޖެހޭ ވާހަކައަކީ އާވާހަކައެއް ނޫނެވެ. މުވައްޒަފުންގެ މުސާރަ ރިވިއުކުރަން އެބަޖެހެއެވެ. ދާދިފަހުން ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް އެކުލަވާލެވުނު ސިވިލްސާވިސް ކޮމިޝަނުގެ ރައީސްވެސްވަނީ މިކަމަށް އިޝާރަތްކުރައްވާފައެވެ.
“ މީގައި މައްސަލައަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ މިންގަޑެއް ނެތީމަ، ބައެއް ވުޒާރާތަކުގެ މުވައްޒަފުންނަށް އެބަލިބޭ ބޮޑުމުސާރައެއް، މިސާލަކަށް ބަލާބަލަ، އެމްއެމްއޭގެ ސްޓާފުންގެ މުސާރަތައް، އެއީވެސް ސަރުކާރު މުވައްޒަފުން، މިއީ މައްސަލައަކީ، ކުރިން މިކަހަލަ ކަންތައްތަކެއް ހުރި ރޯދަމަހުގެ އިނާޔަތުގައިވެސް، ސަރުކާރުގެ ވެރިން ލެވަލުމީހުން ބޮޑު ރޯދަ ހިފާތީ އިނާޔަތް ބޮޑުކޮށްފައި، ޖޫނިޔަރ ސުޓާފުން ކުދިރޯދަ ހިފާތީ އިނާޔަތް ކުޑަކޮށް ދީފައި، މިއީ ގަބޫލުރެވޭނެ ހުކުމްތަކެއް ނޫން. މުވައްޒަފުންގެ މުސާރަވެސް ހަމަހަމަ ވާންޖެހޭނެ، މިހާރު މިދެނީ މުސާރައެއް ކަމަކަށް އަޅުގަނޑު ގަބޫލެއްވެސް ނުކުރަން، ހަޤީގަތުގައި މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ނުދެވޭ ސަރުކާރެއް އޮތުމުގެ ބޭނުމެއްނެތް” ސަރުކާރު ވަޒީފާގައި ކުރިން އުޅެފައިވާ އަދި މިހާރު އަމިއްލަ ވިޔަފާރީ ފުޅާދާއިރާއެއްގައި ކުރަމުންދާ ހުސެން މުރުތަލާ ކިޔާދިނެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ރަނގަޅުކޮށް އަވަސްކުރުމަކީ ސަރުކާރެއްގެ މައިގަނޑު ބޭނުމެވެ. މިމަގުސަދު އެންމެ އެދެވޭގޮތުގައި ހާސިލްކުރެވޭނީ މަސައްކަތްކުރާ މުވައްޒަފުންގެ ހިތްހަމަޖެހުން ވަޒީފާއަށް އޮވެގެންނެވެ. މިހިތްހަމަޖެހުން ގެނެވޭނީވެސް އެކަށީގެންވާ މުސާރައެއް މުވައްޒަފުންނަށް ލިބިގެންނެވެ.
“ ޖޮބް ސެޓިސް ފެކްޝަނަކީ ވަރަށް މުހިންމު އެއްޗެއް. ލިބޭ މުސާރައިން ނުފުދި، މިގޮތަށް ދާނަމަ އެއީ ކަރަޕްޝަނަން މަގުފަހިވާނެކަމެއް. އެއީ އެންމެ އާދައިގެ މުވައްޒަފުވެސް ބޭނުންވާނެ އޭނާގެ ޒަރުރީ ބޭނުންތައް ފުއްދަން. އެކަން ހާސީލް ނުވާނަމަ ކަރަޕްޝަންގެ އަމަލްތައް އިތުރުވެގެންދާނެ، ހަގީގަތުގައި އަޅުގަނޑުމެން ތަފާތު ކޮމިޝަންތައް ހަދާ އެތަންތާނގެ މުވައްޒަފުންނަށް ބޮޑު މުސާރަ މިކަނޑައަޅަނީވެސް ކަރަޕްޝަން ހުއްޓުވުމަށް، ލިބޭ މުސާރައިން ދެކޮޅު ނުޖެހޭނަމަ މިއީ ނުކުންނާނެ މައްސަލަތައް” ތައުލީމީދާއިރާގައި މަސައްކަތްކުރައްވާތާ ގިނަދުވަސްތަކެއްވެފައިވާ އަބުދުލް އަޒީޒު ވިދާޅުވިއެވެ.
No comments:
Post a Comment