Saturday, September 27, 2008

Response to Dr. Riyaz Shareef's article

Posted by himeyningilaabu on July 25, 2008

އަނެއްކާވެސް ޑރ. ރިޔާޒް ޝަރީފް ދިވެހި އޮބްޒާވަރގައި އިގިރޭސި ބަހުން ލިޔުމެއް ލިޔުއްވައިފިއެވެ. މިފަހަރު އޭނާ ލިޔުއްވި ލިޔުއްވުން ބިނާކުރައްވާފައި ވަނީ ދާދިފަހުން ރާއްޖޭގައި ތަޢާރަފް ކުރެވުނު ވަޒީފާއާއި ބެހޭ ގާނޫނު ފާސްކުރެވުނު އިރު ޓުއަރިޒަމް ދާއިރާގެ މުވައްޒަފުން އިސްތިސްނާ ކުރެވިފައި ވާތީ އެދާއިރާގެ މުވައްޒަފުން ކުރަމުން ދިޔަ އިހުތިޖާޖު ތަކާއި ގުޅިގެން ސަރުކާރުން އަލުން އެ ގާނޫނުގައި ޓުއަރިޒަމް ދާއިރާގެ މުވައްޒަފުން ހިމެނުމަށް ނިންމުމާއިއެކު މަޓީ އިން ހާމަ ކޮށްފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުންނެވެ.

މިކަމާއިގުޅިގެން މަޓީ އިން ހާމަކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ހިމެނެނީ:

1 އެގާނޫނުގައި މުވައްޒަފުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދިނުމުގައި ޓުއަރިޒަމް ދާއިރާގެ މުވައްޒަފުން ހިމަނައިފި ނަމަ ރިސޯޓުތަކުން މުވައްޒަފުންގެ މުސާރައަށާއި އެހެނިހެނކަންތައްތަކަށް ކުރަން ޖެހޭ ޚަރަދު އެތައް ގުނައަކަށް އިތުރުވުމާއިއެކު މުވައްޒަފުންގެ އަދަދު ދެގުނަވެދާނެކަން.

2 މިހެންމިކަން ވާއިރު ރައްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު ދަށްވަމުން ދާކަން.

3 ދިވެހިރާއްޖެއަކީ އަގުބޮޑު މަންޒިލަކަށްވެފަވާތީ ޓުއާ އޮޕަރޭޓަރުން ދިވެހިރާއްޖެ ދޫކުރަމުން ދާކަން.

މިކަންތައްތަކާއި ގުޅިގެން ހިމޭންއިންގިލާބީންގެ ފަރާތުން ރާއްޖޭގެ ޓުއަރިޒަމް އަދި އިގުތިސާދާއި ބެހޭދާއިރާގެ ދިރާސާތައް ކުރާާ ކޮމިޓީގެ ފަރާތުން ބުނެފައި ވަނީ އެންމެފުރަތަމަ މަޓީގެ ފަރާތުން ފާހަގަ ކޮށްފަ ވާ ކަންތައް ތަކަކީ އޮޅުވާލާ ހުއްޖަތެއްގެ ގޮތުގައި ދައްކާފައިވާ ފޫނުބެދޭ އަސްލެއް ނެތް ވާހަކަތަކެއްކަމުގައެވެ.

ހަމައެކާއި އެކު ޑރ. ރިޔާޒް ޝަރީފް މިކަމާބެހޭގޮތުން އިގިރޭސިބަހުން ގެނެސްދެއްވަން މަސައްކަތް ކުރައްވާފައިވަނީވެސް ދުނިޔޭގައި ޓުއަރިޒަމް ދައިރާ ހިނގަމުންދާ ގޮތާއި އަދި އެދާއިރާގެ ވިޔަފާރި ބައްޓަންވެ ބަދަލުވަމުންދާ ގޮތާއި ތައާރަޒް ވާގޮތެއްގައި ކަމަށެވެ. ޑރ. ރިޔާޒްގެ ލިޔުއްވުން ކިޔާ އެޔާއި އެއްގޮތަށް އަމަލުކުރުމުގެ ވިސްނުމެއް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުން ނުވަތަ ރާއްޖޭގެ ސަރުކާރުން ގެންގުޅެފި ނަމަ ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކެއް ހުރުމާއި އެކު އޭނާގެ ލިޔުމާއި އަދި މަޓީ އިން ފާޅުކޮށްފައިވާ ނުކުތާތަކާއި މެދު އަންނަނިވި ކަންތައްތައް ފާހަގަ ކުރަމެވެ.

އެންމެ ފުރަތަމަ ކަމަކަށް މަޓީއިން ހާމަކޮށްފަވާ ގޮތަށް ރާއްޖޭގެ ޓުއަރިޒަމްއަކީ މަތީފެންވަރުގެ ނުވަތަ އަޕްމާކެޓް މަންޒިލަކަށް ބަދަލުވަމުން ދާނަމަ ނުވަތަ ބަދަލުވެފަ ވާނަމަ އެކަން ވެފަވަނީ މަޓީއަށް ނުވަތަ ރިޒޯޓްތަކުގެ ވެރިފަރާތްތަކަށް ނޭގިއެއް ނޫނެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ މުވައްޒަފުންގެ ދުޅަހެޔޮކަމާއި ދެވޭހިދުމަތުގެ ފެންވަރު ރަގަޅުވެ އެމީހުނަށް އުފަލާއި ހިތްހަމަޖެހުން އަދި ކުރިއެރުމާއި ހުނަރާއި، ތަޖުރިބާއާއި ފަންނީ މައުލޫމާތުގެ އިތުރަށް ރިޒޯޓުތަކުގައި (މަސައްކަތުގެ މާހައުލުގައި) ގެވެހި ނުވަތަ ރަށްވެހި ނުވަތަ އިޖުތިމާއީ ރަގަޅުވެއްޓެއް ގާއިމުކުރެވިފަ އޮތުން އެއީ މަތީފެންވަރުގެ ނުވަތަ އަޕްމާކެޓަށް އަމާޒުކޮށް ތައްޔާރުކުރެވޭ ޚިދުމަތާއި ތަކެތި އުފެއްދުމުގައި އެންމެ އިސްކޮށް ހިމަނަންޖެހޭ އެއް ކަންތަކެވެ. މިކަން މަޓީއަށް ނުވަތަ އަލްފާޟިލް ސިމް އަށް އެގިވަޑައިގެންފަ ނުވާކަމީ ދެރަކަމެކެވެ. މިކަމުން ދޭހަވަނީ އޭނާއަކީ ޓޫރިޒަމް ދާއިރާ ނުވަތަ މިފަންނުގެ ބޭފުޅަކަށް ވުމަށްވުރެ ވަކިބައެއްގެ މަސްލަހަތަށް މަސައްކަތް ކުރެއްވުމަށް ހުންނެވި “ދެފޫދޯރިއެއްފަދަ” ބޭފުޅެއްކަމެވެ.

ދުމިޔޭގެ މިހާރުގެ މިންގަނޑުތަކުން މުވައްޒަފުންގެ ކަންތައްތައް ވަރަށް ރަގަޅު ފެންވަރަކަށްް ކުރެވިގެން ނޫނީ ތިމާމެން މިއީ މަތީފެންވަރުގެ ތަނެކޭ ކިޔަސް އެއީ މަތީފެންވަރުގެ ތަނެއް ކަމުގައި ބައިނަލް އަގުވާމީ ދުނިޔޭގައި ނުދެކޭނެއެވެ، އަދި ދުރުރާސްތާގައި ބަލާއިރު ރާއްޖޭގެ ރިޒޯޓުތަކުގައި އަޅުން ގެންގުޅޭފަދައިން ގެންގުޅޭ މުވައްޒަފުންގެ މައްސަލައާއި މަންޒަރު ކޮންމެވެސް މީހަކު ނުވަތަ ރާއްޖެއާއި ވާދަކުރާ އެހެން މަންޒިލަކުން ނަގާ ރާއްޖޭގެ އަގު ބައިނަލް އަގުވާމީ ޓުއަރިޒަމް ވިޔާފާރީގައި ވައްޓާލުން އެއީ ރާއްޖެ އަގުބޮޑު ނުވަތަ ޕްރީމިއަމް ޑެސްޓިނޭޝަނެއްގޮތުގައި ގާއިމުކޮށްފަ ބޭއްވުގައި މުސްތަގުބަލުގައި އަދި މިހާރުވެސް ކުރިމަތީގަ އޮތް ނުރައްކަލެއް (ރިސްކެއް) ކަމުގައި ވިސްނިފައި ނުވާކަމީ ރިޒޯޓުވެރިންގެ އަމިއްލަ އެދުމުގެ ސަބަބުން ވެފަ އޮތްގޮތެކެވެ.

ހަގީގަތަކީ މިފަދަ ރިސްކުތަކުން ދިފާއުވެ ރާއްޖޭގެ “އަގު ބޮޑުމަންޒިލެއް” ގެ މަގާމު ދިފާއުކޮށް ރައްކާތެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ދިވެހި ސަރުކާރުން މިބައި ވަރަށް ބާރަށް ވަނީ އިސްލާހުކުރަންޖެހިފައެވެ. ވާދަވެރިން ފޮނުވާނީ ޓުއަރިސްޓުންގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންނެވެ. ދެން ފެންނާނީ ދުނިޔޭގެ ހުރިހާ ނުވަތަ ރާއްޖެއަށް ޓުއަރިސްޓުން އަންނަ ގައުމުތަކުގައި ރައްޖޭގެ ރިޒޯޓުތަކުގައި މުވައްޒަފުން އުޅޭ ނިކަމެތި ގޮތާއި އަދި އިހުސާސްކުރާދަތިތަކުގެ ވާހަކަތައް ޓީވީތަކުން ދައްކާ މަންޒަރެވެ. ރާއްޖޭގެ ޓުރިޒަމާ ދެކޮޅު ވަރުގަދަ ކެމްޕޭނެއް ހިންގާތަނެވެ. މިހިރީ ހައްތާވެސް މިފަދަ ކަންތައް ތަކުގައި ސަރުކާރުން އަޅާނުލާ ދޫކޮށްލައިފި ނަމަ ރާއްޖޭގެ ޓުއަރިޒަމްގެ މުސްތަގުބަލަށް ހުރި ނުރައްކާތެރި ސުވާލުތަކެވެ.

މަތީފެންވަރުގެ ޙިދުމަތޭ ނުވަތަ މަންޒިލެކޭ ބުނެވޭއިރު އޭގެ މާނަޔަކީ އެޚިދުމަތުގައި އިންސަނީވަސީލަތް ބައިވެރިވާ މިންވަރު (ލޭބަރ އިންޓެންސިވް) އާދައިގެ ޚިދުމަތްތަކަށްވުރެ އެތައް ގުނައެއް އިތުރުވާން ޖެހެއެވެ. އެހެންނަމަވެސް މަޓީ އިން އެއްކޮޅުން ފެންވަރޭ ވިދާޅުވިއިރު މިހަގީގަތް ވަނީ ފޮރުވާފައެވެ. އަނެއްކޮޅުން ޑރ.ރިޔާޒް ޝަރީފް ލިޔުއްވާފައިވަނީ މަޓީގެ މިދޮގުވާހަކައަށް ބާރުލިބޭ ގޮތަށް އެކަމަށް ހައްލެއް ހޯދާ ދިނިމުގެ ގޮތުންނެވެ. ބޭނުންވާ ފުރިހަމަ މަދުމިނަށް (އޮޕްޓިމަމް ލެވެލް) މުވައްޒަފުން ލައިގެން ޚިދުމަތެއް ދިނުމަކީ ހިންގުންތެރި-އުފެއްދުންތެރިކަމުގެ (އޮޕަރޭޝަނަލް އެފިޝަންސީ) ތެރެއިން ހާސިލު ކުރަން ޖެހޭކަމެކެވެ. އެއީ އެއްވެސް ބައެއްގެ ހައްގެއް ނިގުޅައިގަނެގެން ނުވަތަ ގުރުބާންކޮށްލައިގެން ކުރަންއޮންނަ ކަމެއް ނޫނެވެ.

ދެވަނަ ކަމަކަށް ނަންގަވާފައިވަނީ މަޓީއިން ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު މަދުވަމުން ދާ މައްސަލަ ފާހަގަ ކޮށްފަވާތީއެވެ. އަދި ޓުއާ އޮޕަރޭޓަރުން ރާއްޖެ ނުވިއްކާ ވާހަކައެވެ. މިއީވެސް މަޓީއިން ވަރަށް ބޮޑަށް އޮޅުވާލާ މީހުންނާ ސަރުކާރަށް ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. ފުރަތަމަ ވިސްނަންވީ ނުކުތާއަކީ ދުނިޔޭގެ ޓުއަރިޒަމް ކުރިއަށްދާ ދަނޑިވަޅެއްގައި ރާއްޖޭގެ ޓުއަރިޒަމް ދަށަށް އެބަ ދޭތޯ، މިނުކުތާއަށެވެ. ނޫނެކެވެ. ނުދެއެވެ. މިހާރު ރާއްޖެއަށް އަންނަ ޓުއަރިސްޓުން ދުނިޔޭގެ ޓުރިޒަމް މަޑު ޖެހިލާފަ އޮތް ނިސްބަތުން މަޑުޖެހިލާފައެއް ނެތެވެ. ދުނިޔޭގެ އިގުތިސާދަށް އައި ވަގުތީ ލޮޅުންތަކަކާއި ގުޅިގެން މީހުން ދަތުރުކުރުން ކުޑަކޮށް ދަށްވެފައި ވީނަމަވެސް އެނިސްބަތުން ރާއްޖެ ދަށަކަށް ނުދެއެވެ. އަދި ﷲ ގެ ރަހުމަތްފުޅުން ބޮޑު މުސީބާތެއް ދިމާނުވެއްޖިއްޔާ ރާއްޖޭގެ ރިސޯޓްތަކުގެ ބެޑް އޮކިއުޕެންސީ ލަސްވެގެން ސެޕްޓެމްބަރު ފެށޭހިސާބުން އެވްރެޖްކޮށް 70 ޕަސަންޓަށް ވުރެ މަތީގައި އުޅޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތެވެ.

ޑރ. ރިޔާޒް ށޝަރީފް މިނުކުތާއަށް އަލިއަޅުވާފައިވަނީ ދުނިޔޭގެ ޓުއަރިޒަމް އޭގެ އަމިއްލަ ޒާތުގައި ބައްޓަންވެ އުފެދި ހިންގަމުން އަންނަ ގޮތަށް ބައްލަވާފައެއް ނޫނެވެ. އެހެން ވުމުގެ ސަބަބުން އަނެއްކާވެސް މަޓީއިން ފަތުރަން މިއުޅޭ ދޮގުގެ އަސަރު ފޯރުވުމުގައި ބާރަކަށް ވެގެން ދެއެވެ. އަދި އޭނާާ ފަދަ އިލްމުވެރިބޭފުޅަކު ލިޔުއްވާ ހުށަހަޅުއްވާފައިވާ ލިޔުމުން ބާރުހޯދައިގެން ޓުއަރިޒަމް ޕްރޮމޯޝަން ބޯޑު ނުވަތަ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒިފުން ނުވަތަ މުވައްޒިފަކު ނާޖާއިޒު ބޭނުމެއް ހިފުމުގެ ގޮތުން ކަމުގައި ނުވިޔަސް ބޭކާރު ޚަރަދެއް ކުރުމަށް ހުށަހަޅާ އެފަދަ ޚަރަދެއް ކުރަން ދިމާވެދާނެ ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ އޭނާ ހުށަހަޅުއްވާފައިވަނީ އިންޑަސްޓްރީ އިން ޓުއަރިޒަމް ޕްރޮމޯޓު ކުރަން ޚަރަދުކުރަމުން ދިޔަނަމަވެސް ސަރުކާރުން އަހަރަކު 20 މިލިއަން ޑޮލަރު ޓުއަރިޒަމް ޕްރޮމޯޓުކުރުމަށް ބަޖެޓްކޮށްފަ ބޭއްވުމަށް ތިމަންނާއަށް ފެނިވަޑައިގަންނަވާ ކަމުގައެވެ.

ދިރާސާ ކުރެއްވުމާކާއި ނުލާ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ނުކޮށް އަދި އަމުދުން ރާއްޖޭގެ ޓުއަރިޒަމުން އުފެދިގެންދާ ފައިސާގެ ތެރެއިން ރާއްޖެއަށް އެއްގޮތަކަށްވެސް ނުވަދެ އަހަރަކު 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޔޫރަޕްގެ ބޭންކުތަކަށް ވަދެގެންދާ އިންޑަސްޓްރީއަކަށް ޓުއަރިޒަމް ވެފައި އަދި ޓުއަރިޒަމުން ޓެކްސް ނަގަން ޖެހޭ މިންވަރާ ގާތަށްވެސް ޓެކްސް ނެގޭނެ ހަރުދަނާ އުސޫލެއް ގާއިމުވެފަ ނުވާތީއާއި، އަދި ރިޒޯޓުވެރިން މިޓެކްސްތައް ނެގުމަށް އެކިގޮތގޮތުން ހުރަސް އަޅާ ނުރުހުން ފާޅުކުރާއިރު، މިފަދަ އިންޑަސްޓްރީ އަކަށް ދައުލަތުގެ ބަޖެޓުން މިވަރުގެ ބޮޑު އަދަދެއް ޚަރަދު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެކަމެއް ނޫނެވެ. އެއަށްވުރެ މިފަދަ އަދަދެދް ރާއްޖޭގެ ޓުއަރިޒަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ޚަރަދު ކޮށްފި ނަމަ ގައުމަށް ކައިރި މުސްތަގުބަލުގަވެސް އަދި ދުރު މުސްތަގުބަލުގަވެސް މާ ފައިދާ ކުރާނެއެވެ. ނުވަތަ ރިޒޯޓުތަކުގަ މަސައްކަތް ކުރާ މުވައްޒަފުންގެ ހެލްތް އިންޝުއަރެންސް ނޫންނަމަ ޕެންޝަން ސްކީމެއް ގާއިމުކުރުމަށް ޚަރަދުކޮށްފިއްޔާ އަދި ނަތީޖާ މާ ރަގަޅުވާނެއެވެ.

މިހެން ދަންނަވަން މިޖެހެނީ ޓުއާއޮޕަރޭޓަރުންނަށް ރާއްޖެ ނުވިއްކެނީ މަޓީއިން ނުވަތަ ޑރ. ރިޔާޒް ޝަރީފް އެވިދާޅުވާ ފަދަ އެއްވެސް ސަބަބަކާއި ހެދިއެއް ނޫނެވެ. މުޅި ދުނިޔޭގެ ޓުއަރިޒަމަށް ބަލާއިރުވެސް ފަތުރުވެރި ކަމުގެ މަންޒިލެއް މަތީ ފެންވަރަށް އަމާޒުކުރެވި ތަރއްގީކުރެވެމުންދާ ވަރަކަށް ޓުއާ އޮޕަރޭޓަރުން ނުވަތަ އިންޓަރ މީޑިއަރީސްގެ ރޯލު ދާނީ ކުޑަވަމުންނެވެ. ސަބަބަކީ އެފަދަ ތަންތަނަށް ބޮޑުއަގު ދީފައި އަންނާނީވެސް މަތީފެންވަރުގެ މީހުންނެވެ.

ޑރ. ރިޔާޒް ޝަރީފް އަށް އެގިވަޑައިގެންފަ ނުވާ ނުވަތަ އޭނާ ފާހަގަކުރައްވަން ބޭނުންނުވި ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ކުރީގެ ޓޫރިޒަމް ހިނގާ ގޮތާއި މިހާރު ޓޫރިޒަމް ހިގާ ގޮތާއި ހުރި ތަފާތު އޭނާ ބައްލަވާފައެއް ނުވެއެވެ. އަދި އެތަފާތުތަކުގެ ސަބަބުން ޓްރެވަލް އެޖެންޓުންގެ ރޯލު ކުޑަވަމުން ދާކަން އޭނާ ފާހަގަ ކުރައްވާ ފައެއް ނުވެއެވެ. ދުނިޔޭގެ ޓުއަރިޒަމްގެ އޮނިގަނޑު އޮންނަ ގޮތުގެ ފައިދޮށްތައް (އިންޑަސްޓްރީ ފްރޭމް ކޮންޑިޝަންސް) މިހާރުވަނީ ބަދަލުވެފައެވެ. އޭގެ ތެރޭގައި އަންނަނިވި ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ.

1 ކުރިން ދުނިޔޭގެ ފަތުރު ވެރިކަމަކީ ފަތުރުވެރިންނަށް ރަހައިން ރަހައަށް އެއްޚިދުމަތްތަކެއް އެންމެނަށް (ސްޓޭންޑަރޑައިޒްޑް) އެއްގޮތަކަށް ދޭން ބައްޓަން ކުރެވިފަ އޮންނަ ވިޔަފާރިއެކެވެ. އެއާއި ޚިލާފަށް މިހާރުގެ ޓުއަރިޒަމް ނުވަތަ ފަތުރުވެރި ކަމަކަކީ ކޮންމެ މީހަކަށް ވަކިވަކިން (ޓެއިލަރ މޭޑް) އެމީހަކު ބޭނުންވާގޮތަކަށް ދިނުމަށް ބައްޓަން ކުރަމުންދާ ވިޔަފާރިއެކެވެ.

2 މިހެންވުމުގެ ސަބަބުން ދުނިޔޭގައި ޓުއާ އޮޕަރޭޓަރުންގެ ދައުރު ކުޑަވެ ޗާރޓާޑް މަތިންދާ ބޯޓުގައި ބޮޑެތި ގުރޫޕުތައް ގޮވައިގެން ކުރާ އަގުހެޔޮ ޓުއަރިޒަމް ދަނީ އުވެމުންނެވެ. ސަބަބަކީ ރިޒޯޓް ހޮޓާ ދުނިޔޭގައި މިހާރު ތަރައްގީ ކުރަމުންދާ މަންޒިލުތަކުން ތަރައްގީ ކުރަމުން ދަނީ އެފަދަ އަގުހެޔޮ ދަތުރު ކުރުމަށް ބޭނުންވާ އަދަދަށް (ވޮލިއުމް) އެއް އަގެއްގައި ހުރިހާ ކޮޓަރިއެއް ދެވޭނެ ގޮތަކަށްވެސް ނޫނެވެ. ރާއްޖެއަށް އަޅާ ބަލާއިރު މިއަންނަމުންދާ ބަދަލު އެންމެ ބޮޑަށް އިހުސާސް ކުރި ބަޔަކަށް ނުވަތަކުރަމުން ދާ ބަޔަކަށް ޔުނިވާސަލް ވާނެއެވެ. އެެހެންވެ އުނިވާސަލްގެ މާކުރީގެ ތަޖުރިބާ އެއް އެބޭފުޅުން ވިދާޅުވިގޮތަށް ސިމް އެވަނީ ވިދާޅުވެފައެވެ. މާކުރީގެ ތަޖުރިބާ ތަކެކޭ މިދެންނެވީ މިހާރު ޔުނިވާސަލްގެ ގިނަ ރިޒޯޓްތައް މަތީފެންވަރަށް ބަދަލުކުރެވިފަވާތީއެވެ. މިހާރު ކުރިން އެއްބަސްވެފަވާ އެއްބަސް ވުމަކަށް އިހުތިރާމް ކުރުމުގެ ގޮތުން ނޫނީ ޔުނިވާސަލް އިންވެސް މިފަދަ ޓުއާރ އޮޕަރޭޓަރުން މެދުވެރިވެގެން ކޮޓަރިވިއްކުމުގެ މާ ބޮޑު ބޭނުމެއް ނުވަތަ ފައިދާއެއް ނޯންނާނެއެވެ.

3 މަތީފެންވަރަށް ދިޔުމުން ޓުއާ އޮޕަރޭޓަރުންނަށް ވިއްކަން އުދަގޫވާ އަނެއް ސަބަބަކީ އެމީހުން ހޯދަން ނުވަތަ ވިއްކަން ޖެހެނީވެސް މަތީ ފެންވަރުގެ މީހުންނަށެވެ. މިހެންވާ އިރު މަތީ ފެންވަރުގެ މީހުން ޓުއާއޮޕެރޭޓަރެއްގެ އެހީ ބޭނުމެއް ނުވެއެވެ. ގޭގަ ނުވަތަ އޮފީހުގަ އިނދެގެން އޭނާއަށް އަމިއްލައަށް ދުނިޔޭގެ އެންމެ އަގުހެޔޮކޮށް ލިބެން ހުރި ތަންތަނާއި ހިތްގައިމު މަންޒިލުތައް ބަލާލެވެއެވެ. ސީދާ ދާންބޭނުންވާ ހޮޓަލަށް ނުވަތަ ރިޒޯޓަށް އަމިއްލައަށް ބުކިންގް ހަދާލެވެއެވެ. މިހެން ވާން އޮތްކަމެއް އަދި އެދޭތެރެއިން ޓުއާ އޮޕެރޭޓަރަށް އިތުރު ފައިސާް ދީގެން ކުރާނީ ކާކުހެއްޔެވެ.

4 މިދެންނެވިގޮތުންނާއި އަދި ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ތަރައްގީއާއި ފަސޭހަތަކާއި ގުޅިގެން ދުނިޔޭގެ ޓުއަރިޒަމް ގައި ޓުއާ އޮޕަރޭޓަރުންގެ ރޯލުދާނީ ކުޑަވަމުންނެވެ. އެކަމަކު ޓުއަރިޒަމް ދާނީ އެތައްގުނައެއް ކުރިއަރަމުންނެވެ.

5 މިބަދަލުތައް ދުނިޔޭގެ ޓުއަރިޒަމަށް އައުމާއި ގުޅިގެން ދުނިޔޭގެ މަތީފެންވަރަށް ޚިދުމަތްދޭ ވިޔަފާރި ކުންފުނި ތަކުންދަނީ އެމީހުންނާއި ގަންނަމީހުންނާއި ދެމެދަށް ވަންނަ އެޖެންޓް ނުވަތަ ޓުއާ އޮޕަރޭޓަރުން އެއްފަރާތްކޮށް ސީދާބޭނުންކުރާ މީހާއަށް އަތުންއަތަށް ޚިދުމަތް ދެވޭނެ ގޮތްތައް ބަލަމުންނެވެ.

މިގޮތުން ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކަކީ، ރާއްޖޭގެ ރިޒޯޓުވެރިިން މުވައްޒަފުން ގިއްގަޅުވާހެން ގިއްގަޅުވާލުމުގެ ބަދަލުގައި އެމީހުންނަށް އާދަޔާއި ޚިލާފު މޮޅު ފަންނީ ތަމްރީނާއި، ހުނަރު އަދި ތައުލީމު ލިބެވޭނެ ގޮތްތައް ކުންފުނީގެ ތެރޭގައި ގާއިމުކޮށް ސީދާ މުވައްޒަފުން ލައްވާ ޓުއަރ އޮޕެރޭޓަރުންގެ ބަދަލުގައި ރަށް ނުވަތަ ކޮޓަރި ވިއްކުވަނީއެވެ. އެހެން ހެދުމަށްޓަކައި އެމީހުންނަށް،އިންޓަރނެޓްގެ ޚިދުމަތާއެކު ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕް ވެސް ދެނީއެވެ. އައި ފޯނުވެސް ދެނީއެވެ. ބޭނުންވާ އެހެން އެއްޗެހިވެސް ދެނީއެވެ. އަދި އެމުވައްޒަފަކު ވިއްކަދިން ރޫމަކުން ކަމިޝަންވެސް ދެނީއެވެ. މިގޮތަށް ހެދުމުން ގަންނަން ބޭނުންވާ މީހާއަށް ބޭނުންވާ މައުލޫމާތު ޓުއަރ އޮޕެރޭޓަރަކަށްވުރެ މާ މޮޅަށް ތަމްރީނު ލިބިގެން ހުރި މުވައްޒަފު މީހާއަށް ދެވެއެވެ. އަދި ވަރަށް ވަރުގަދަ ސޭލްސް ޓީމެއް ކުންފުނީގައި އުފެދިގެން ދެއެވެ.

މިހެން މިކަންތައްތައް ހުރިއިރު މިބަދަލުތައް ގެނައުމަށް އިލްމީ ފެންވަރެއްގައި ވަކާލާތުކުރައްވާ ބާރުއެޅުއްވުމުގެ ބަދަލުގައި ވަރަށް ފެން ގޮތަކަށް ޓުއަރިޒަމްގެ މުވައްޒަފުންގެ ހައްގުތަށް ހޯދަން ކުރާ މަސައްކަތްތައް ބަދުނާމު ނުކުރުމަށް އެދި އާދޭސްކުރައްވާގޮތަށް ޑރ. ރިޔާޒް ޝަރީފު ލިޔުއްވުންތައް ލިޔުއްވުމުން އެއީ އާރުލާތޯ ބަލަން ވަކަރުގެ ބަނޑުވަތް ފަރާތުގަ ފުރޮއިން ޖަހާލުންކަހަލަ ކަމެކެވެ. އެފަދަ ލިޔުއްވުންތަކުގައި ދިރުމެއްނެތެވެ. ބާރެއްނެތެވެ. އަމުދުން އިގިރޭސިބަހުންލިޔުއްވާފަހުރުމުން ގިނަ ރިސޯޓުވެރިންނަށާއި މަޖުލީހުގެ މެމްބަރުންނަކަށްވެސް އެލިޔުއްވުންތަކުގައި ވާއެއްޗެއް ނުމެއެގޭމެއެވެ. ދެންއަންނާނީ ކޮން ހެޔޮ ބަދަލެއްތޯއެވެ.

ދިވެހިބަހުން ލިޔުއްވާށެވެ. ރާއްޖޭގެ ޓުއަރިޒަމްގެ ފެންވަރު މަތިކޮށް ދުނިޔޭގެ އެހެން މަންޒިލުތަކާއި ވާދަކޮށް ކުރިފަސް ހޯދަން ބޭނުންނަމަ ނުވަތަ ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި ފޭލިނުވެ ދެމިތިބެން ބޭނުންނަމަ މުވައްޒަފުންނަށް ދެވޭ އިސްކަމާއީ، ކުރެވޭ ޚަރަދާއި، ދެވޭ ތަމްރީނާއި، އެމީހުންގެ އުފަލާއި ހިންހަމަ ޖެހުމަށްޓަކައި ކޮށްދެވޭ ކަންތައްތައް މިހާރަށް ވުރެ އެތައްގުނައެއް އިތުރުކޮށް އެމީހުން ކުރިއަށް ނެރެގެން ނޫނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގެއް ނެތްކަމުގައި ބުނެ ރިޒޯޓުވެރިންނަށް އަދި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އިންޒާރުކުރަން އެބަ ޖެހެއެވެ.

މާތް ﷲގެ ވާގިފުޅާއި އެކު އިލްމާއި ހިލްމު، އަދި ޓުއަރިޒަމް ދާއިރާގެ މުވައްޒަފުންގެ ހިއްވަރާއި ސާބިތުކަން ބޭނުންކޮށްގެން މިހެޔޮބަދަލު ދިވެހިރައްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެނައުމަށް ހިމޭން އިންގިލާބީން އަޒުމް ކަނޑައަޅާފައިވާ ކަމުގައި ދަންނަވަމެވެ. އަދި ރުހުނަސް ނުރުހުނަސް އެކަނލާގެ ރުއްސެވިއްޔާ ލަސްވެގެން 2013 އައުމުގެ ކުރިން ރިޒޯޓުވެރިނަށް އެމީހުންގެ މުވައްޒަފުންނަށް ކަމޭހިތަން ދަސްކޮށްދީ، އިންސާނީ ހައްގުތަކަށް ބޯލަންބުވާ، ގާނޫނާއި، ގަވާއިދުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވާނެ ކަމުގައި ދަންނަވަމެވެ.

No comments: