Thursday, October 9, 2008

ޑިމޮކްރަސީ އާއި، ޑިކްޓޭޓަރޝިޕް ވަކިކުރުމަށް ވޯޓް ނަގާ ދުވަސ

ް

08 އޮކްޓޫބަރ 2008
މުޙަންމަދު ނަޞީރު، އއ.މާޅޮސް
image

ފައިސާނުދީ، ފޮތިފޭއްޔާއި، އިންޖީނާއި، ފަރުނީޗަރު ދީފައި ވޯޓްގަތުން މުޅީން ޞައްޙަ

ކިހާވަރަކަށްހޭ ރުފިޔާދޭންވީ ބުންޏަސް، ފައިސާއަށް ވޯޓް ގަންނަ ކަމަކަށް ނުވޭ


މިއަދަކީ، ޑިމޮކްރަސީގެ އާކައިވެނީގެ ދުވަހެވެ. ޑިކްޓޭޓަރޝިޕް ތިންތިންފަށްވެ މުއްދު ބަހައިދީ އަލުން ކައިވެނިކުރާ ދުވަހެވެ. މިއަދުގެ ސުވާލަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުމީ، މިނިވަން ޑިމޮކްރަސީހޭ، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުމީ ޝާހީ ޢާއިލާ ޑިކްޓޭޓަރޝިޕް ހެއްޔެވެ. ކުރިޔަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި، މިއަގުހުރި ސުވާލުގެ ޖަވާބު ލިބޭނެއެވެ.

އެއްބަޔަކު، އެމީހުން އަމިއްލައަށް ވަޅުކޮނެގެން ނެގި ޑިމޮކްރަސީ، ވެލިފޮޅައި ކޮނޑަށްލައިގެން ތިބެ މިގޮވަނީ "ހެޔޮނުވާނެޔޭ، ފައިސާއަށް ނުވިއްކާށޭ، ކަރުދާސްކޮޅު އަތަށް އަރާއިރު އޮންނާނީ، އަހަރުމެން ދެމީހުންގެ ނަމޭ، މިފަހަރު ތަގްދީރު ކުރައްވާފައިވަނީ އަހަރުމެންނަށް ވެރިކަން ލިބޭގޮތަށޭ، މަގޭ އަތުގައި، ބޮޑުލާރިއެއްވެސް ނެތޭ" އެވެ. އެމީހުން، އެއާރޓެކްސީގައިގޮސް ރަށްރަށުގެ ފަޅުތެރޭގައި ޖައްސާލައި، ފޮތިފޭއްޔާއި، ބުރުގާ ފޮށިތަކާއި، ފަރުނީޗަރތަކާއި، ދޯނިފަހަރުގައި އަޅާ އިންޖީނު އަތުފަތުނުޖެހި ބަހަމުން އުކަމުން ގެންދެއެވެ. ދެންމިކުރާ ކަމަކީ، ދިހަހާސް ރުފިޔާ މީހަކަށް ހަދިޔާއަށް ދީފައި، އަނެއްބަޔަކު ލެފީމާ މިއޮތީ ކަލޭމެން ދިން ދިހަހާހޭ ގެންދާށޭ ކިޔައި އެމީހާ އަތަށްދޭން ބުނަނީއެވެ. އެމީހާ އޭގައި ނުހިފީމާ، ދިހަހާސް ރުފިޔާ އަނެކަކަށް ލިބުނީއެވެ. މިމީހުން ވޯޓް މިގަންނަނީ ފައިސާއަކަށް ނޫނެވެ. އޮޑިޖެހި ނޫޓާއި، ފޮއްޗާއި، ފަރުނީޗަރާއި، ޖަނަރޭޓަރާއި، އިންޖީނަށެވެ. އެމީހުންގެ އަތުގައި ބޮޑުލާރިއެއްވެސް ނެތެެވެ. އޮތީ ބޮންގޮއްވާ ހަތިޔާރާއި، ހުޅުޖަހާސާމާނާއި، ޣައިރުޤާނޫނީ ޢަމަލުހިންގާ ބުއްދިއާއި، ދޮގުހަދައި މީހުންގެ ބޮލު ބަދުނާމުއަޅުވާ ފިކުރެވެ. ޕޯސްޓަރާއި، އިސްޓިކާއާއި، ބެނާތައް ތައްޔާރުކޮށް، ޓީޝާޓް ތައްގަނޑުޖަހައި، ލޯންޗާއި މަތިންދާބޯޓުން ދަތުރުކޮށް، މުދަލާއި ފޭރާން ބަހާނެ ތަނަވަސްކަމެވެ.
އަނެއްބަޔަކު، ވިޔަފާރިވެރިންގެ ޖަމާޢަތޭ، ވިޔަފާރިއަށް ދީން ވިއްކަނީއޭ ގޮވަމުން، ވިޔަފާރިވެރިން ނެރި ކެމްޕޭންކުރުވަމުން، ރައްޔިތުންގެ މާލިއްޔާއިން ޚަރަދު ކުރަމުން، ވަކިވަކި ފަރުދުންނާ ވިޔަފާރިވެރިން ލައްވާ ގުޅުވައި، ދޭންވީ ކިހާވަރަކަށްހޭ ވަރެއް ބުނާށޭ، ކަލޭގެޢާއިލާގެ ވޯޓް ދީފައި، އޮޑިޖެހި ނޫޓް ދޭންވީވަރަކާއި، ބޭނުން ވަޒީފާއެއް ބުނާށޭ ބުނަނީއެވެ. ބޭންކުތަކުން ލޯންނަގާފައި ތިބި އެންމެންގެ ލިސްޓް ހޯދައިގެން، އެމީހުނާ ގުޅައި، ތިޔައީ އަހަރުމެން ކޮށްދިންކަންތަކޭ، ކާންދޭމީހާ ދަންނާށޭ ބުނަނީއެވެ. ވޮޗަރުން، ފޫޅުމައިން، ޕިޔޯނުން ފެށިގެން މައްޗަށްގޮސް، ސިވިލްގެ ހުރިހާ މުވައްޒަފުންނާ ގުޅައި، އެސްއެމްއެސްކޮށް، ވަޒީފާ ދިނީ އަހަރުމެނޭ ކުކުޅުވެސް ކާށިކޮށާމީހާ ދަނެއޭ ބުނަނީއެވެ. ފްލެޓްގައި ދިރިއުޅޭ މީހުންނާއި، ސަރުކާރުން ވިއްކި ގޯތިތައް ލިބުނު މީހުންނާއި، ބަންޑާރަބިމުން އެކިއެކި ނަންނަންކިޔާ މާލެތަކުން ގޯތި ލިބުނު މީހުންނާ ގުޅައި، ބޯހިޔާވަހިކަންދިނީ އަހަރުމެންނޭ، އަހަރުމެންގެ މަތީން ހަނދާންކުރާށޭ ކުކުޅުވެސް ނިދަންއަރާ ގަސް ހަނދާން ބަހައްޓައޭ ބުނަނީއެވެ. 65 އަހަރުވެގެން ބޮޑުޗުއްޓީގައި ގޭގައި އޮށޯވެލައިގެން ތިބޭ މީހުނާ ގުޅައި، ކަލޭމެންނަށް ވަޒީފާދިނީ އަހަރުމެންނޭ، ކުށްވެރިވީމާވެސް ނުނަގާ ބަހައްޓައި ދިނިއްޔޭ، ލޯބޯކޮށިވީދުވަހު އެއްފަހަރާ އެހުރިހާ ފައިސާދީފައި، ކަށްވަޅަށް ދަންދެން ދިރިއުޅޭނެ ފައިސާ މިދެނީ އަހަރުމެންނޭ، ކުކުޅުވެސް ކާންދޭ މީހާ ދަނެއޭ ބުނަނީއެވެ.
މިއިންއެއްވެސް ކަމަކީ، ނާޖާއިޒު ފައިދާއެއް ރިޝްވަތެއް ފައިސާދިނުމެއް ގަތުމެއް ވިއްކުމެއް ކަލަގޮވުމެއް ނޫނެވެ. ހަމަސީދާ ޞައްޙަ ވާޖިބު ހެޔޮރަނގަޅު ޢަމަލެވެ.
މިދެބައި މީހުންނޫން އެހެންމީހުން، ދިން އެއްޗެއްގެ ވާހަކަ ބުންޏަސް، އެއްޗެއް ދޭނަމޭ ބުންޏަސް، އެއްޗެއްދީފާނެހެން ހީވިޔަސް، އެއްޗެއް އޮތްމީހަކު ކުރިމައްޗަށް އެރިޔަސް، އެއޮތީ ފައިސާއަށް ވޯޓް ވިއްކާފައެވެ. އެއޮތީ ޑިމޮކްރަސީއާ ޚިލާފުވެފައެވެ. ދީނާވެސް ފުށުއަރާފައެވެ.
މިހެންވުމުން، ޑިމޮކްރަސީއާއި، ޑިކްޓޭޓަރޝިޕް، މިރާއްޖޭގައި މިއޮންނަނީ ވަރަށް ފޭކް ކޮށެވެ. މިރާއްޖޭގައި ޑިމޮކްރަސީ އޮންނަ ދެސިފަ، އިސްވެ މިބުނެވުނީއެވެ. އެހެންވީމާ، މިއަދު މިނަގާވޯޓަކީ، ޑިމޮކްރަސީއާއި ޑިކްޓޭޓަރޝިޕް ވަކިކުރަން ނަގާ ވޯޓަކަށްވީއެވެ. ނޫ (ޒަހަރު) ގޮޅީގައި ފާހަގަލިޔަސް، ރީނދޫ (ކަރަންޓީނު) ގޮޅީގައި ފާހަގަލިޔަސް އެއޮތީ ޑިމޮކްރަސީއެވެ. ޖައްވަށް ހަވަޔަށް ފަޒާއަށް ބަޑިޖަހާ، މަރާ މޫދަށްއުކާ، ބެކް ބޯން ބިންދާ ޑިމޮކްރަސީއާއި، ހުޅުޖަހައި ރޯކޮށް، ބޮންގޮއްވާ، މަގުމަތި ނާމާންކޮށް، ގަޔަށްބޮލަށް އަރާ، އަބުރާބެހި، ބޭރުމީހުން ގެނެސް ބަޣާވާތްކުރާ ޑިމޮކްރަސީއެވެ. ދީނާއި ދުނިޔޭގެ ގޮތުން ހަމައުސޫލުން ބަހެއްބުނެ، އިންސާފާއި ޢަދާލަތުގެ މަގުގައި ކަމެއްކޮށް، ފަޤީރުންނަށް އެހީވެ، ހެޔޮފޯރުވައި، ދެފުށްއެއްގޮތްކޮށް، އަމާނާތްތެރިވާ ތެދުވެރީންނަކީ، މުޅީންވެސް ޑިކްޓޭޓަރޝިޕެވެ. މިއީ، މިވެރިން މާނަކުރާގޮތެވެ.
މިއަދު މިނަގާ ވޯޓް ގުނައި ނިމި ނަތީޖާ އިޢުލާން ކޮށްލީމާ، ދިވެހިންބޭނުމީ ޑިމޮކްރަސީކަން ޑިކްޓޭޓަރޝިޕްކަށް ރަނގަޅަށް އެނގޭނެއެވެ.

No comments: