Wednesday, October 8, 2008

ރިޔާސީ އިންތިޚާބު 2008: އެތަނަކަށް ވޯޓްލާންޖެހޭ މީހެއްކަމަށް އޮފިޝަލުންނަށް ޤަބޫލުކުރެވޭ އެންމެނަށް ވޯޓްލެވޭގޮތަށް ހަމަޖައްސަވައިފި

adam


07 އޮކްޓޫބަރ 2008
ހާމަ ނިއުސް ޓީމް
image

18:48 އިންޑިއާގައި ބެހެއްޓިފައިވާ ވޯޓްފޮށްޓަށް ވޯޓްލާން ދިޔަ މީހުން ވޯޓްކަރުދާސްކޮޅުތައް ހުސްވުމުގެ ސަބަބުން ވޯޓްލުން މެދުކެނޑިއްޖެކަމަށް އިންޑިއާއިން މިނޫހަށް މަޢުލޫމާތު ލިބިއްޖެ. މިކަން މިގޮތަށް ދިމާވެފައިވަނިކޮށް ކުރިން ވޯޓްލާން ރަޖިސްޓަރީކޮށްފައިނުވާ އެތައްބަޔަކު މިއަދު އަލުން އަނެއްކާވެސް ވޯޓްލާން ރަޖިސްޓަރީ ކުރަމުންދާ ކަމަށާއި، މިއަދު ރަޖިސްޓަރީ ކުރަމުންދާ މީހުން ވޯޓްލާން ޖެހޭނީ މާދަމާކަމަށް އަންގަމުންދާކަމަށް އިންޑިއާގައި މިވަގުތުހުރު އިތުބާރުކުރެވޭ ފަރާތަކުން ކަށަވަރުކޮށްދީފައިވޭ "އެތައްބަޔަކު މިއަދު ވޯޓްލާން ރަޖިސްޓަރީކުރަމުން އެބަދޭ. އެމީހުންނަށް އަންގަމުންދަނީ ވޯޓްލުން އެމީހުންނަށް ދެން އޮންނާނީ މާދަމާކަމަށް. އަނެއްކާ މިހެންވަންޏާ، ކޮންމެފަދަ ނުބައެއްވެސް ހިންގަފާނެ. އަލުން މިގޮތަށް ރަޖިސްޓަރީ ކުރަންޏާ ކިތަންމެފަހަރަކު ވޯޓްލުމުގެ ފުރުޞަތު އެބައޮތް. އަނެއްކާ މިކޮޅުން ވޯޓްލީމަ އިނގިލީގައި ޖަހާ ފާހަގަ ފެންކޮޅެއް ޖައްސާލާއިރަށް ފިލާ" މިނޫހަށް އިންޑިއާއިން މަޢުލޫމާތުދިން ފަރާތުން ބުނޭ.

18:19 އަތޮޅުވެހި ކައިރީގައި ހުންނަ ޑީއާރްޕީގެ ކެމްޕެއިން އޮފީހުގައި ވަރަށް ސިއްރު ޙަރަކާތްތަކެއް މިއަދު ހިންގަމުން ގެންދިޔަކަމަށް ވަރަށް ގިނަ ފަރާތްތަކުން "ހާމަ" ނޫހަށް ޔަޤީންކޮށްދީފި. މިގޮތުން އައިޑީ ކާޑުތަކެއް ގެންގުޅެނިކޮންނާއި، ބައިވަރު ފެކްސް މެޝިންތަކެއް އެތަނަށް ވައްދަނިކޮށްވެސް ފެނިފައިވާކަމަށް ޢާންމު ފަރާތްތަކުން މަޢުލޫމާތު ދީފައިވޭ. ރެއިންސުރެ ފުލުހުންވަނީ އެސަރަޙައްދު ވަރަށްބޮޑަށް ގާޑުކޮށްފައި.
އަތޮޅުވެހި ކައިރީގައި އާދަޔާ ޚިލާފް ކަންތައްތަކެއް ހިންގާކަމަށް ބެލެވިގެން "ހާމަ" ނޫހުގެ މުރާސިލުން އެސަރަޙައްދަށް ރޭގައި ގޮސް ފޮޓޯއެއް ނެގުމުން ފުލުހުންވަނީ، ފޮޓޯނެގި މުރާސިލުގެ އައިޑީ ކާޑު ނަންބަރު ނަގައި، ނަން ނޯޓްކޮށް އަދި ފޯނު ނަންބަރުވެސް ނޯޓްކޮށް، ފަހުން ގުޅާނެކަމަށް ބުނެފައި.

17:57 ނ.މިލަދޫގައި ޖެހުނު މައްސަލަތައް ޙައްލުކުރުމަށްފަހު މިއަދު ހަވީރު ފަސްގަޑި ފަހެއްގައި އަލުން ވޯޓުލާން ފަށައިފި.
އެރަށުގައި ވޯޓުލުން ލަސްވެގެން ދިޔައީ ހަތްދިހައަށްވުރެ ގިނަމީހުންގެ އައިޑީ ކާޑު ހެއްދިފައި ނެތުމުން އެމީހުންނަށް ވޯޓުލުމުގެ ހައްގު ނެތްނަމަ އެހެންބަޔަކަށްވެސް ވޯޓުނުލެވޭނެ ކަމަށްބުނެ އެމީހުން ވޯޓުފޮށ، އޮފީހުން ވޯޓުލާ ސަރަހައްދަށް ގެންދިއުމަށް ހުރަސްއެޅުމުން.
މިކަންހައްލު ވެގެންދިޔައީ ރަށު ކޮމްޕްލެއިންޓްސް ބިއުރޯ އާއި އެކަމުގައި އިސްކޮށް އުޅުނު ފަރާތްތަކާއި ދެމެދު މަޝަވަރާކުރުމަށްފަހު.

17:41 އިލެކްޝަންސް ކޮމިޝަނުން ޅ.ކުރެންދޫއަށް ފޮނުވި ވޯޓުލާމީހުންގެ ލިސްޓްގައި ޢުމުރުން އެއް އަހަރާއި އެއްމަސްވީ ކުއްޖެއްގެ ނަން ހިމަނާފައިވާކަމަށް އެރަށުން މަޢުލޫމާތު ލިބިއްޖެ. މިނޫހަށް މައުލޫމާތު ދެމުން ކުރެންދޫ މީހަކު ބުނެފައިވަނީ، އެކަން އެނގިގެން، އެރަށުގައި ޙަރަކާތްތެރިވާ އޮފިޝަލުން ލިސްޓް ޗެކްކުރުމުން އެކަން ޔަޤީންވި ކަމަށް.

16:39 ގދ. ތިނަދޫގައި ބެހެއްޓިފައިވާ 4 ފޮށިގެ ތެރެއިން ތިންފޮށީގެ ވޯޓްލުން ހުއްޓުވައިފިކަމަށް ޚަބަރުލިބިއްޖެ. ރައްޔިތުންގެ ބަޔަކު ވޯޓްލުން ހުއްޓުވީ، ގިނަބައެއްގެ ނަން ވޯޓްލާ މީހުންގެ ލިސްޓްގައި ނެތިގެންކަމަށް އިންތިޚާބުގެ ކަންތައްތަކުގައި ޙަރަކާތްތެރިވާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި.

16:13 މެލޭޝިއާގައި ދިރިއުޅޭމީހުންގެ ތެރެއިން ވޯޓުލުމަށް އެދި ރަޖިސްޓްރީކޮށްފައިވާ ގިނަބައެއްގެ ނަން ލިސްޓްގައި ނެތިގެން ވޯޓލުމުގައި ދަތިތަކާ ކުރިމަތިލަމުން އެބަދޭ. މެލޭޝިއާގައި ވޯޓުލުމަށް ދިޔަ ފަރާތަކުން "ހާމަ" ނޫހަށް ކިޔައިދިންގޮތުގައި، މީގެ ދުވަސްތަކެއް ކުރިން އޭނާގެ ނަންވަނީ އެމްބަސީއަށް ހުށަހަޅައި ރަޖިސްޓްރީކޮށްފަ. ނަމަވެސް މިއަދު ވޯޓުލާން ދިއުމުން ލިސްޓްގައި އޭނާގެ ނަންވަނީ ނުހިމެނި. "އެމްބަސީން ބުނަނީ އިލެކްޝަންސް ކޮމިޝަނުން ޗެކްކުރަހަރޭ ޖެހޭނީ" އޭނާ ބުނި
މެލޭޝިޔާގައި ވޯޓުލުމަށް 960 ދިވެހިން ރަޖިސްޓްރީކޮށްފައިވައިވޭ.

16:03 ލިސްޓްގައި ނަން ނެތުންފަދަ މައްސަލަ ދިމާވަމުން ދިއުމާއިގުޅިގެން މައްސަލައަށް ޙައްލެއް ހޯއްދެވުމުގެގޮތުން، އައިޑީ ކާޑު ގެންދިއުމުން، އެމީހަކީ އެސްޓޭޝަނަކަށް ވޯޓްލާންޖެހޭ މީހެއްކަމަށް އޮފިޝަލުންނަށް ޤަބޫލުކުރެއްވެންޏާ، އެފަދަ ފަރާތްތަކަށް ވޯޓްލުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖައްސަވައިފިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙަންމަދު އިބްރާހިމް ވިދާޅުވެއްޖެ. މިގޮތަށް ހަމަޖައްސަވައިފިކަން ކޮމިޝަންގެ އޮފިޝަލުން މިހާރުވެސް އަންގަވަން ފަށްޓަވައިފިކަމަށް އެމްއައި ވިދާޅުވި.
އަދި ރަށްވެހިވެފައިވާ ރަށްނޫން ރަށްރަށުގައި ވޯޓްލާން ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށްވެސް ވޯޓްލުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް އެމްއައި ވިދާޅުވި. މިގޮތުންވެސް ވޯޓްލުމުގެ ޙައްޤު ލިބިގެންވާ އެންމެނަށް ވޯޓްލުމުގެ ފުރުޞަތު ދެއްވަން ބޭނުންފުޅުވާކަމަށް މުޙަންމަދު އިބްރާހިމް، އެމްއައި ވިދާޅުވި. މިގޮތަށް ނިންމުނީ، ކޮމިޝަންގެ މެމްބަރުން ވަރަށްގިނަ ވަގުތު ހޭދަކޮށްގެން ކަމަށްވެސް ވިދާޅުވި.
މާލެއާއި އަތޮޅުތަކުގައިވެސް ވޯޓަރސް ލިސްޓްގައި މައްސަލަ އެބަހުރި ކަމަށާއި، އެކަމުގެ ޝަކުވާތައް ހުށަހަޅަމުން ގެންދާކަމަށް އެމްއައި ވިދާޅުވި.
ވޯޓްލެވޭނެގޮތް ހަމަޖެއްސިނަމަވެސް، ރިޕީޓްކޮށް ވޯޓްލާން މަސައްކަތް ނުކުރުމަށް މުޙަންމަދު އިބްރާހިމް އިލްތިމާސްކުރެއްވި. އަދި އެފަދަ ޢަމަލުކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވިދާޅުވި.
ވޯޓްލާ ވަގުތު ހަމަވާއިރު، ލިސްޓްގައި ނަން ނެތިގެން ވޯޓްނުލެވި އެމީހުން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނަމަ، އެމީހުން ވޯޓްލައި ނިމެންދެން ވޯޓްގެ ކަންތައް ކުރިއަށްދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި.

މިހާރު ކުރިއަށް ރިޔާސީ އިންތިޚާބުގެ ޤާނޫނީ ޙައްސިއްޔާމެދު އިތުބާރު ނެތްކަމަށް ދަންނަވައި އިންތިޚާބު ހުއްޓުވުމަށް އަދާލަތު ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކޮށްފި. އެޕާޓީން މިކަމަށް އިލްތިމާސްކުރީ، އިލެކްޝަންސް ކޮމިޝަންގެ ފަސް ބޭފުޅުންނާއި ބައްދަލުކޮށް.
އިންތިޚާބު ހުއްޓުވުމަށް ދެންނެވީ، މިހާރު ނެގެމުންދާ ވޯޓުގައި ވަރަށް ގިނަގުނަ މައްސަލަތައް ފާޅުވަމުން ދިއުމާއި، މަކަރާއި ޙީލަތާއި ހެދުމުގެ އިތުރުން ނުފޫޒު ބޭނުންކުރުމާއި އެތަށް ބައެއްގެ ރަޖިސްޓްރީގެ މައްސަލަ ދިމާވުމާއި، ވަކި ބައެއްގެ ޙައްޤު ނިގުޅައިގަތުމާއި މިފަދަ އެތައް ކަމެއް ދިމާވަމުން ދިއުމާއި، ރާއްޖޭގެ އެކިއެކި ހިސާބުތަކުން ލިބިފައިވާ މަޢްލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ކަމަށް އަދާލަތުގެ ރަސްމީ ވެބްސައިޓްގައި ޝައިޢުކޮށްފައިވާ ބަޔާނެއްގައިވޭ.
އަދާލަތުން ބޭއްވި ބައްދަލުވުމުގައި، ކޮމިޝަންގެ ފަސް މެންބަރުން، އިންތިޚާބުގެ މައްސަލަތައް ހުރިކަމަށް އެއްބަސްވެވަޑައިގަންނަވާކަމަށް އަދާލަތުން ބުނޭ.
މިފަދަ މައްސަލަތައް ހުރި އިންތިޚާބެއްގެ ދަށުން އަންނަ ވެރިއެއްގެ ވެރިކަމުގެ ޤާނޫނީ ޙައިޘިއްޔަތު ނޯންނާނެ ކަމަށާއި، މިހެންކަމުން އިންތިޚާބު ބާޠިލްކުރުމަށް އެދިފައިވާނެކަމަށްވެސް އަދާލަތުން ބުނޭ.
އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކުރައްވާފައިވަނީ ޢަދާލަތު ޕާޓީގެ ރައީސާއި، ޢިލްމުވެރީންގެ މަޖިލީހުގެ ރައީސާއި، އިސްތަރުޖަމާނާއި، އަމީންޢާންމު.

15:31 އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ލިސްޓްގައި ލ.ހިތަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނިފައިނުވާކަމަށްބުނެ ރައްޔިތުންނުކުމެ އެރަށު ވޯޓުލުން ހުއްޓުވައިފި. މެދުރު ނަމާދަށް ގޮވިވަގުތު ވޯޓުލުން ހުއްޓުވާލުމާދެމެދު 130 ފަރާތަކުން އެރަށު ފޮށްޓަށް ވޯޓު ލާފައިވާކަމަށް އެރަށުން ވާހަކަދެއްކި ޒާހިދު ބުނި. "އިލެކްޝަންސްއިން ފޮނުވާފައިވާ ލިސްޓްގައިވަނީ 517 މީހުންގެ ނަން. ނަމަވެސް އަޅުގަނޑުމެން އަތުގައި އޮތް ކުރީގެ ލިސްޓެއްގައި އެބަ އޮވޭ 599 މީހުންގެނަން. މިކަހަލަ މައްސަލަހުރުމުން އިލެކްޝަންސްގެ ޖަވާބެއްލިބެންދެން މިމަޑުކުރަނީ. މިކޮޅުގައި ހުންނަ އިލެކްޝަންސް ބިއުރޯއިން މިކަމާ ޖަވާބެއްދެވޭނެ ފެންވަރެއްގެ ވެރިޔަކުު ނެތް. އެއީ ކޮޓަރިގަނޑެއްގަ ތިބިބައެއް ފެކްސް ލައިނެއް ހިސާބުވެސްނެތް" ޒާހިދު ބުނި.

15:00 ލިސްޓްގައި ނަން ނެތުމާއި، އައިޑީ ކާޑުނެތުންފަދަ މައްސަލަތައް ދިމާވެގެން ވޯޓްނުލެވި، ތަފާތު މައްސަލައްޖެހި، ޢާންމުން ރުޅިވެރިކަން ފާޅުކުރަން ފެށުމާއިގުޅިން، ލިސްޓްގައި ނަން ނެތަސް އަދި އެނޫންވެސް އެފަދަ މައްސަލައެއް ދިމާވެފައިވާ އެންމެނަށްވެސް ވޯޓް ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް ޝާހިދު ވިދާޅުވެއްޖެކަމަށް، މާލޭގައި ހުންނަ ވޯޓްލާ މައި މަރުކަޒު ކައިރީގައި ހުރި މިނޫހުގެ މުރާސިލު ބުނެފި. އޭނާ ބުނީ ޝާހިދު މިޔަޤީންކަން ދިނީ، ނަސަންދުރާ ސަރަޙައްދުގައި ތިބި ޢާންމުންނާއި ވާހަކަ ދައްކަމުންކަމަށް.
ރިޔާސީ ކެންޑިޑޭޓުންނާއެކު ކޮމިޝަނުން ބައްދަލުކޮށް ނިންމި ކަންތައްތައް އަދި ރަސްމީގޮތުން ހާމަކޮށްފައެއް ނުވޭ. އެކަމާއިގުޅޭގޮތުން ނޫސްވެރިންނަށް ވަރަށް އަވަހަށް މަޢުލޫމާތު ދެއްވާނެކަމަށް އަންގަވާފައިވާތީ، މިނޫހުގެ މުރާސިލު ދަނީ އެވަގުތަށް އިންތިޒާރުކުރަމުން.
ޚަބަރުލިބޭގޮތުގައި މައްސަލަ ޖެހިގެން ވޯޓް ނުލެވިފައިވާ އެންމެނަށް ވޯޓްލެވޭގޮތަށް ހަމަޖެހިއްޖެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަންިވެސްވަނީ ނަސަންދުރަ ސަރަހައްދުގައި ތިބި ޢާންމުންނަށް ޔަޤީންކަން ދެއްވާފަ.
ވޯޓްނުލެވުމުގެ މައްސަލަ ބޮޑަށް ދިމާވަމުންދަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ތާޢީދުކުރާ މީހުންނަށްކަމަށް ފާހަގަކުރެވިފައިވޭ. އެހެންކަމުން، ލިސްޓްގައި ނަން ނެތުމާއި، މާލޭގައި ވޯޓްލުމަށް ރަޖިސްޓަރީކޮށް، ކާޑު ލިބިފައިވާއިރުވެސް ލިސްޓްގައި ނަން ނެތުމާއި، އައިޑީ ކާޑު ހަދަންދީގެން އަދިވެސް ކާޑު ލިބިފައިނުވާ މައްސަލައިގައި، މިކަމުގެ ފަހަތުގައި މިހާރު ވެރިކަންކުރާކަމަށް ބުނާ ޑީއާރްޕީގެ އަތެއްވާކަމަށް، ވޯޓް ނުލެވުމުގެ ސަބަބުން ހިތްހަމަނުޖެހިފައިވާ ބައެއް މީހުން ދަނީ ތުހުމަތުކުރަމުން.
އިންތިޚާބު ފެށުމުމުގެ މާކުރިންވެސް އިދިކޮޅު އެމްޑީޕީންވަނީ، އައިޑީ ކާޑު އާކުރުމާއި، ކާޑު ހެދުމުގެ މަސައްކަތުގައި އައިޑީ ކާޑު ހަދާ އިދާރާއިންވެސް ޑިއާރްޕީގެ މީހުންގެ ކާޑު ނިންމައި، އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންގެ ކާޑު ހެދުން ލަސްކުރަމުންދާކަމަށް.

14:07 ރިޔާސީ އިންތިޚާބުގައި ވޯޓްލާން ފެށުމާއެކު ދިމާވާންފެށި ތަފާތު މައްސަލަތަކާއިގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ރިޔާސީ ކެންޑިޑޭޓުންނާއި މަޝްވަރާކުރައްވައިފި. މާލޭގައި ހުންނަ ވޯޓްގެ ކަންކަން ބަލަހައްޓާ މައި މަރުކަޒުގައި އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނާއި މަޝްވަރާކުރެއްވީ، މިމައްސަލަތަކާއިބެހޭގޮތުން. ނަމަވެސް މިމައްސަލަތަކާއެކުވެސް އިންތިޚާބު ފަސްކުރަން ނުފެންނަކަމަށް އެއް ކެންޑިޑޭޓް ފިޔަވައި އެހެން ބޭފުޅުންވަނީ ވިދާޅުވެފައި.

14:00 ވޯޓްލާމީހުންގެ އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭކަމުގެ ޝަކުވާ ގިނަބަކު ކުރަން ފަށައިފި. މިގޮތުން މާލޭގައި ވޯޓްލާފައިވާ ބައެއް މީހުން ވަނީ ވޯޓްލުމަށްފަހު އިނގިލީގައިޖަހާ ފާހަގަ "ހާމަ" ނޫހުގެ މުރާސިލުން ކުރިމަތީގައި ފޮހެ އެކަން ޔަޤީންކޮށްދީފައި. "އޭނާ ފާހަގަ ހަމަ ނިޔަފަތިން ކަހާލީ. ވަރަށް ފަސޭހައިން އެކުލަ ކެހިގެންދިޔަ" މުރާސިލު ބުނި. ޚަބަރުލިބޭގޮތުގައި އިނގިލީގައިޖަހާ ފާހަގަ ފޮހެވޭ މައްސަލަ މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ދިމާވަމުން އެބަދޭ. އިނގިލީގައިޖަހާ ފާހަގަ ފޮހެވޭ މައްސަކަ މިކުރިމަތިވީ، މިފަހަރު ވޯޓްލާ މީހުންގެ އިނގިލީގައި ޖަހާ ފާހަގަ ނުފޮހެވޭނެ ކަމަށާއި، މިއީ ވަރަށް ޔަޤީންކަންބޮޑު، މިކަމަށް ޚާއްޞަ މާކަރަކުން ޖަހާ ފާހަގައެއްކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވަނިކޮށް.

13:49 މިއަދު މިފެށުނު ރިޔާސީ އިންތިޚާބުގެ ވޯޓްލުން ފެށުމާއިގުޅިގެން، އައިޑީ ކާޑުގެ މައްސަލައާއި، ލިސްޓްގައި ނަން ނެތުމުގެ މައްސަލަތައް ގިނަކަމުން ރިޔާސީ އިންތިޚާބު ފަސްކުރަން ފެންނަކަމަށް އައިޑީޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރު ވިދާޅުވެއްޖެ. މާލޭގައި ހުންނަ ވޯޓްގެ ކަންތައް ބަލަހައްޓާ މައިމަރުކަޒުކަމަށްވާ ކުރީގެ ނަސަންދުރަ ހިންގި ޢިމާރާތުގެ ބޭރުގައި ހުންނަވައި، ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޢުމަރު ނަސީރު ވިދާޅުވީ، މިމައްސަލަތައް ޙައްލުކުރުމަށްޓަކައި އިންތިޚާބު 30 ހަކަށް ދުވަހަށް ފަސްކުރަން ފެންނަ ކަމަށާއި، މިކަމާއިމެދު ރައްޔިތުންގެ މަޖިލީހުން ވިސްނާވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާކަމަށް.

އެހެންނަމަވެސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު، އަންނި ނަސަންދުރަ ހިންގި ޢިމާރާތުގެ ބޭރުގައި ހުންނަވައި ވިދާޅުވީ، ވޯޓްގެ ކަންތައްތައް މިހާތަނަށް ކުރިއަށްދާގޮތާމެދު ހިތްހަމަޖެހޭކަމަށް. މާލޭގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ ނަން ލިސްޓްގައި ނެތުމުގެ ސަބަބުން ވޯޓްނުލެވޭގޮތް ދިމާވާ ކަމަށާއި، އެހެންނަމަވެސް، އައިޑީ ކާޑުގައި ޕަންޗްކޮށްގެންނަމަވެސް އެފަދަ މީސްމީހުންނަށް ވޯޓްލެވޭނެގޮތް ހަދަން ފެންނަކަމަށް އަންނި ވިދާޅުވި. މާލޭގެ ރަށްވެހިންނަށް މިގޮތް ހެދިނަމަވެސް، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ރަޖިސްޓަރީ ކުރުމަށް ފުރުޞަތު ދެވިފައިވާތީ، އަތޮޅުތަކުގެ މީހުންނަށް އެގޮތް ހަދަން ނުފެންނަކަމަށްވެސް އަންނި ވިދާޅުވި.

ވޯޓްލުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާތީ، މާލޭގައި ހުންނަ ވޯޓްގެ ކަންތައްތައް ބަލަހައްޓާ މައިމަރުކަޒު ދޮށަށް ބަޔަކު އެއްވެގެން އުޅޭކަމުގެ ޚަބަރުވެސް ލިބުނު. ނަމަވެސް އެސަރަޙައްދުގައި ތިބި މިނޫޙުގެ މުރާސިލުން ބުނީ، ސްޓަރފޯރސްގެ ފުލުހުން މުޅި ސަރަޙައްދު ގާޑުކޮށްފައިވާކަމަށާއި، ކޮންމެހެން ދާންޖެހިއްޖެ ބޭނުމެއްގައި ނޫނީ ޢާންމުންނަށް އެތަނާއި ގާތް ނުވެވޭކަމަށް.

13:26 އައްޑުއަތޮޅު މަރަދޫގައި ދިމާވި މައްސަލައަކާއިގުޅިގެން ބަޔަކު ވޯޓްލުން ހުއްޓުވުމަށްފަހު މައްސަލަ މިހާރު ޙައްލުކުރެވި، އަލުން ވޯޓްލާން ފަށައިފި. މަރަދޫގައި ހުރި މިނޫހުގެ މުރާސިލުބުނީ، މައްސަލަ ދިމާވީ، މަރަދޫގައި ބެހެއްޓިފައިވާ 2 ވޯޓްފޮށްޓަށް ފޮނުވި ވޯޓްކަރުދާހުގެ ތެރެއިން އެ 2 ފޮށްޓަށް ފޮނުވި ކަރުދާސް ބަދަލުވެގެންކަމަށް" 1 ނަންބަރު ވޯޓްފޮށްޓަށް ފޮނުވި ކަރުދާސް ގެންދިޔައީ 2 ނަންބަރު ފޮށްޓަށް. 2 ނަމްބަރު ފޮށްޓަށް ފޮނުވި ކަރުދާސް ގެންދިޔައީ 1 ނަންބަރު ފޮށްޓަށް. މިމައްސަލަ ކުރިމަތިވެ، ވޯޓްކަރުދާސް މަދުވެގެން މައްސަލަ ޖެހުނީ. މިމައްސަލަ ބަލައި، މިކަން އެނގިގެން މައްސަލަ ޙައްލުކޮށް މިހާރުވަނީ އަލުން ވޯޓްލާން ފަށާފައި. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ރަށުތެރޭގައި މިކަމުގެ ސަބަބުން ނުތަނަވަސްކަން އުފެދިިފައިވަނީ" މަރަދޫގައި ހުރި "ހާމަ" ނޫހުގެ މުރާސިލުބުނޭ

11:47 ރިޔާސީ ކެންޑިޑޭޓުންނާއި، ރަނިންމޭޓުން ވޯޓްލެއްވުމަށްޓަކައި ވަޑައިގެން ކިޔޫގައި ތިއްބަވަންޖެހޭތީ، ޢާންމު ގިނަބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަގެންދޭ. މާލޭގެ އެކި މަރުކަޒުތަކުގައި ތިބި މިނޫހުގެ މުރާސިލުން ބުނީ، މިހާތަނަށް ވޯޓްލައްވަން ވަޑައިގެންނެވި ކެންޑިޑޭޓުންނާއި، ރަނިންމޭޓުން ކިޔޫގައި އެތައްއިރަކު ތިއްބަވަން ޖެހިވަޑައިގެންނެވުމަކީ، އެހާ ރަނގަޅު ކަމެއްނޫންކަމަށް މީހުން ބުނަމުންދާކަމަށް "އެއީ ވަރަށް ދެރަކަމެއް. ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ކިޔޫގައި އެތައް އިރަކު ތިބެންޖެހުމަކީ ރަނގަޅުގޮތެއްނޫން. އެބޭފުޅުންނަކީ މިއަދު އަޅުގަނޑުމެން އިޙްތިރާމް ދޭންޖެހިފައިވާ ބޭފުޅުން. މިނޫން އިންތިޒާމެއް އެބޭފުޅުންނަށް ހަމަޖެހިފައި އޮންނަން ޖެހޭނީ" އަމީރު އަޙްމަދު ޕްރީސްކޫލްގައި ވޯޓްލާންގޮސް ހުރި މީހަކު ބުނި.
ވޯޓްގެ އިންތިޒާމުތައް ހަމަޖައްސާފައިވާގޮތުން އެތައްއިރަކު ކިޔޫގައި ތިބެން ޖެހުމާއި، ކިޔޫގައި އެތައްއިރެއް ހޭދަކުރުމަށްފަހު ވޯޓްލާން ދާއިރު ނަން ނެތުންފަދަ މައްސަލަތައް ކުރިމަތިވަމުންދާތީ، މިފަހަރަކީ ވޯޓްލުމުގައި އެންމެގިނަ ދަތި އުނދަގޫތައް ކުރިމަތިވަމުންދާ ފަހަރުކަމަށްވެސް ބައެއް މީހުން ބުނަމުންގެންދޭ.

11:36 މާލޭގައި ވޯޓްލާންދިޔަ ގިނަބަޔަކަށް ލިސްޓްގައި ނަން ނެތުމުގެ ސަބަބުން ވޯޓްލުމުގައި މައްސަލަތައް ކުރިމަތިވަމުން އެބަދޭ. މިގޮތުން މާލޭގައި ޢަރަބިއްޔާގައި ބެހެއްޓިފައިވާ ވޯޓްފޮށްޓާއި، އަމީރު އަޙްމަދު ޕްރީ ސްކޫލްގައި ބެހެއްޓިފައިވާ ވޯޓްފޮށްޓަށް ވޯޓްލާން ދިޔަ ބަޔަކަށްވެސް މިމައްސަލަ ކުރިމަތިވެފައިވޭ. އަމީރު އަޙްމަދު ޕްރީ ސްކޫލްގައި ހުރި ޓީ.4 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލާންދިޔަ އެއް ޢާއިލާއެއްގެ އެއްބައިމީހުންގެ ނަން ލިސްޓްގައި ނެތުމުގެ ސަބަބުން އެފޮށްޓަށްވަނީ ވޯޓްލެވޭގޮތް ނުވެފައި. މިމައްސަލަ ދިމާވީ، ސިފައިންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ ހ.ރާޅާހާ މޫސާ ޢަލީ ޖަލީލުގެ ޢާއިލާއަށް. އެޢާއިލާއިން ބުނެފައިވަނީ އިންޓަރނެޓްގައި ޝައިޢުކޮށްފައިވާ ލިސްޓްގައި ވޯޓްލާން އޮންނަނީ ޓީ.4 ނަންބަރު ވޯޓްފޮށްޓަށް ކަމަށާއި، ނަމަވެސް ވޯޓްލާން ދިޔައިރު އެއްބައިމީހުންގެ ނަންތައް ނެތްކަމުގައި.

މިކަން ދިމާވީ ވޯޓްލާން ކިޔޫގައި ދޮޅުގަޑިއެއްހާއިރުވީފަހުން. މިމައްސަލަ ސާފުކުރުމަށް އެޢާއިލާއިން އިލެކްޝަންސް ކޮމިޝަނަށް ގުޅައިގެން 15 ވަރަކަށް މިނެޓްފަހުން މައްސަލަ ސާފުވީއިރު، އެޢާއިލާގެ ނަން ނެތްމީހުންގެ ނަންތައް ހުރީ ޓީ.5 ނަންބަރު ފޮށްޓަށް ބަދަލުކޮށްފައި. ނަމަވެސް މިކަން އަންގާފައިނެތް ކަމަށާއި، ނެޓުން ބަލާއިރު އަދިވެސް އެންމެންގެ ނަންތައް ހުރީ ޓީ.4 ނަންބަރު ފޮށްޓަށް ވޯޓްލާގޮތަށްކަމަށް އެޢާއިލާއިން ބުނޭ.

މީގެއިތުރުން، އަމީނިއްޔާ ސްކޫލްގައި ހުންނަ ފޮށްޓަށް ވޯޓްލާންދިޔަ އެމްޑީޕީގެ ޗެއަރޕަސަން މާރިޔާ އަޙްމަދު ދީދީއާއި، އޭނާގެ ޢާއިލާގެ ނަންތައް އަދި ގޭގެ ނަންވެސް ލިސްޓްގައި ނެތިގެން، އެކަމާއި ހިތްހަމަނުޖެހުން މާރިޔާ ފާޅުކުރަމުން އެބަދޭ. އެތަނުގައި ހުރި މިނޫހުގެ މުރާސިލުބުނީ، މާރިޔާ ހުރީ ވޯޓްފޮށި ކައިރީގައި ކަމަށާއި، އިލެކްޝަން އޮފިޝަލުން މައްސަލަ ޙައްލު ނުކުރަނީސް ވޯޓްފޮށި ކައިރިން ދުރަށް ވަޑައިނުގަންނަވާނޭކަމަށް މާރިޔާ ވިދާޅުވާކަމަށްވެސް މުރާސިލު ބުނޭ. އަދި އެފޮށްޓަށް މުޅީވެސް ވޯޓްލަމުންދަނީ އޭނާ ދަންނަ ޑީއާރްޕީ މީހުން ކަމަށާއި، އެފޮށްޓަކީ ޑީއާރްޕީ މީހުންނަށް އެކަނި ވޯޓްލެވޭ ފޮށްޓެއްކަމަށް މާރިޔާ ވިދާޅުވާކަމަށްވެސްވޭ. އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓްފޮށްޓަކީ ޑީއާރްޕީގެ ޒަޢީމްވެސް ވޯޓްލާން ހަމަޖެހިފައިވާ ފޮށި.

11:11 މާލެފިޔަވައި، ރާއްޖޭގައި އެންމެގިނައިން މީހުން ދިރިއުޅޭ އައްޑުއަތޮޅުގައި ވޯޓްގެ ކަންތައްތައް ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަމަށް އައްޑޫގައި ޙަރަކާތްތެރިވާ "ހާމަ" ނޫހުގެ މުރާސިލު ބުނެފި. އައްޑޫގައި މީހުން ދިރިއުޅޭ ހަރަށުގައިވެސް ހެނދުނު 9 ޖެހިއިރު ވަނީ ވޯޓްލާން ފެށިފައި.
އައްޑޫގައި އެކަނިވެސް ވޯޓްދިނުމުގެ ޙައްޤު ލިބިގެންވާ 20426 މީހުން އެބަތިބި.

11:00 މާލޭގައި ވޯޓްލުމަށް ރަޖިސްޓަރީކޮށްފައިވާ އަތޮޅުތަކުގެ ބައެއްމީހުން ވޯޓްލުމަށް ދިއުމުން ބައެއް މައްސަލަތައް ކުރިމަތިވަމުން އެބަދާކަމަށް ވޯޓްލާ މަރުކަޒުތަކުގައި ތިބި "ހާމަ" ނޫހުގެ މުރާސިލުން ބުނެފި. މިގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި މާލޭގައި ވޯޓްލާން ރަޖިސްޓަރީކޮށް، ރަޖިސްޓަރީ ކުރިކަމުގެ ކާޑު ލިބިފައިވާ ބައެއް މީހުންގެ ނަން ލިސްޓްގައި ނެތުން ހިމެނޭ. މިކަމާހެދި ބައެއްމީހުން ހިތްހަމަނުޖެހުންވެސް ފާޅުކުރަމުން ގެންދާކަމަށް ބުނޭ.

10:25 ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް ޤާސިމް އިބްރާހިމް ވޯޓްލައްވައިފި. އެމަނިކުފާނު ވޯޓް ލައްވާފައިވަނީ މާލޭ އިޖުތިމާޢީ މަރުކަޒުގައި ބެހެއްޓިފައިވާ ޓީ.28 ނަންބަރު ވޯޓްފޮށްޓަށް މިއަދު 10:00 ގައި. އެމަނިކުފާނު ވޯޓްލައްވަން ވަޑައިގެންނެއިރު، ޢާއިލާގެ އެހެން ބޭފުޅުންވެސް އަރިހުގައި ވަޑައިގެން ވޯޓްލައްވާފައިވޭ.

9:56 ނ.މިލަދޫގައި ދިމާވެގެންއުޅޭ މައްސަަލަތަކެއް ޙައްލުނުކުރެވިގެން އެރަށުގައި އަދި ވޯޓްލުން ނުފަށާކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފި. އެރަށުގައި ހުރި އޮފިޝަލަކު ވިދާޅުވީ، މިލަދޫގައި ވޯޓްލުން ކުރިއަށް ނުގެންދެވިގެން އުޅެނީ، ވޯޓްފޮށި ބަހައްޓަން ކަނޑައަޅާފައިވާ ތަނަށް ވޯޓްފޮށި ގެންދަން ރައްޔިތުން ދެކޮޅުހަދަމުންދާތީ، ފޮށި ނުގެންދެވިގެންކަމަށް. ވޯޓްފޮށި ބަހައްޓާ ސަރަޙައްދަށް ފޮށިގެންދަން ރައްޔިތުން ދެކޮޅުހަދަމުންދާ މައްސަލަތަކުގެ ތެރޭގައި، ވޯޓްލުމަށްޓަކައި، އެރަށުގެ 80 ވަރަކަށް މީހުންގެ އައިޑީ ކާޑު ހެދުމަށް ގެންގޮސް، އެކާޑުތައް އަދިވެސް ލިބިފައި ނުވާތީއާއި، އެރަށާއި ކައިރީގައި އޮންނަ ރިސޯޓެއްގައި މަސައްކަތްކުރާ 16 ވަރަކަށް މީހުންނަށް ރަށަށް އާދެވޭނެގޮތް ނެތުމާއި، އަދި އެރަށުން ވޯޓްލުމުގެ ޙައްޤު ލިބިފައިވާކަމަށް ކަނޑައަޅާފައިވާ ލިސްޓްގައި މަރުވެފައިވާ މީހުންގެ ނަންތައް ހުރުމުންކަމަށް، އިންތިޚާބުގެ ކަންތައްތައް ބަލަހައްޓަން އެރަށުގައި ހުންނެވި އޮފިޝަލަކު ވިދާޅުވި.
ކަންމިހެން ހުރުމުން، ރައްޔިތުންގެ ނުރުހުމާއި ދެކޮޅަށް ވޯޓްލުމުގެ ކަންތައް ފަށަން ބޭނުން ނުވާކަމުގައިވެސް އޭނާ ވިދާޅުވި.

9:37 މާލެއަށް ހެނދުނުއްސުރެ ވިއްސާރަވެ، ވާރޭ ވެހެމުންދާތީ، ވޯޓްލާން މަރުކަޒުތަކަށް ގޮސްތިބި މީހުން ލަފާކުރި ވަރަށްވުރެ މަދުކަމަށް ބައެއް މަރުކަޒުތަކުގައި ތިބި "ހާމަ" ނޫހުގެ މުރާސިލުން ބުނޭ. އެހެންނަމަވެސް، ވާރޭ ވެހެމުން ދިއުމާއެކުވެސް، ކުޑަނަގައިގެންނާއި، ތެމިގެންކަހަލަ ގޮތަކަށްވެސް ވޯޓްލާ މަރުކަޒުތަކުގައި މީހުން ވޯޓްލާން ގޮސް އެބަތިބިކަމަށް ބުނޭ.

9:33 ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިރޭ 8.00 ގެ ނިޔަލަށް ކުރިއަށްދާނެ. އެހެންނަމަވެސް، ގަޑިޖެހޭއިރު، ވޯޓްލާ ކިޔޫގައި އިތުރު މީހުން ތިބިނަމަ، ވޯޓްފޮށި ބަންދުކުރާނީ ކިޔޫގައި ތިބި އެންމެން ވޯޓްލައި ނިމުމުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވޭ. އަދި ވޯޓްލައި ނިންމަން ކަނޑައަޅާފައިވާ ގަޑިޖެހޭއިރު، ކިޔޫގައި ނެތްބަޔަކަށް ވޯޓްލުމުގެ ފުރުޞަތު ލިބި ނުދެވޭނޭކަމަށްވެސް ކޮމިޝަނުން ވިދާޅުވޭ.
ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަށް ފަށާނީ ވޯޓުފޮށި ބަންދުކުރާތާ އެއްގަޑިއިރު ފަހުން. މިފަހަރު ވޯޓުގުނައި، ވަގުތީ ނަތީޖާ އިއުލާން ކުރާނީ ވޯޓުލާ މަރުކަޒު ތަކުން. މިއީ ރާއްޖޭގެ ތާރީޚްގައި މިގޮތަށް ޢަމަލުކުރާ ފުރަތަމަ ފަހަރު.

9:01 ދިވެހިރާއްޖެއަށް ޕާޓީ ނިޒާމު ތަޢާރަފްކުރެވި، ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ބާއްވާ، ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް ވާދަކުރާ ތާރީޚީ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖޭގައި ވޯޓްލުން ފެށިއްޖެ. ވޯޓްލުން ފެށުނީ މިއަދު ހެނދުނު 9:00 ގައި.

މިއަދު މުޅި ރާއްޖޭގައި ވޯޓްލުން ފެށުނުއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 208252 މީހުން އެބަތިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފަ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓްލުމުގެ ޙައްޤު ލިބިގެންވޭ. މިއީ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވޯޓްލުމުގެ ފުރުޞަތު ލިބޭ ފުރަތަމަ ރިޔާސީ އިންތިޚާބު. މީގެކުރިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ނަގާ ފެންނަ ނުފެންނަ ވޯޓްތަކުގައި، ވޯޓްލުމުގެ ޙައްޤު ލިބިދީފައިވަނީ ޢުމުރުން 21 އަހަރުން މަތީގެ މީހުންނަށް.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މާލެއާއި އަތޮޅުތަކުގައި ޖުމްލަ 395 ވޯޓުފޮށި ބެހެއްޓިފައިވޭ. މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖެއިން ބޭރު ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް ވޯޓްލުމުގެ ފުރުޞަތު ލިބިގެންދާ ފުރަތަމަ އިންތިޚާބު. މިގޮތުން މެލޭޝިޔާ، ސިންގަޕޫރު، އިންޑިއާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވޯޓްލުމުގެ ފުރުޞަތު ވަނީ ލިބިދީފައި. މިގޮތުން މިއަދު ހެންދުނު ރާއްޖޭގެ ގަޑިން 6 ޖެހިއިރު، ސިންގަޕޫރު އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންވަނީ ވޯޓްލާން ފަށާފައި. އެއީ އެޤައުމުތަކުގެ ގަޑިން ހެނދުނު 9:00 ގައި.

No comments: