Thursday, October 9, 2008

ބީލަމުގެ އުޞޫލުން، ކުންފުންޏަށް މަންފާ ލިބޭގޮތަށް ނޫނީ ކާޑުގެ ބާވަތްތަކާއި އެހެން މުދާވެސް ނުހޯދުމަށް އޮޑިޓަރ ޖެނެރަލް އެސްޓީއޯއަށް އަންގަވައިފ, ބީލަމ



07 އޮކްޓޫބަރ 2008
ޙާމިދު - ހާމަނޫސް
image

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް ގަންނަ ކާޑުގެ ބާވަތްތައް، 2007 ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން 50 ޕަސަންޓް ބީލަމުގެ އުޞޫލުން ގަންނަ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ބީލަމަށް ލާންޖެހޭ 50 ޕަސަންޓް ވެސް ގިނަފަހަރަށް ގެނެވެނީ ބީލަމަށްނުލައި "އެމްއެމް އެކްސްޕޯޓް" ކިޔާ އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް، ހަމައެކަނި އެކުންފުނިން އަގު ހޯދައިގެންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރޭ ނެރުއްވި އެސްޓީއޯގެ މިިދިޔަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ. މިރިޕޯޓްގައި ބުނެފައިވަނީ، ކާޑުގެ ބާވަތްތައް ގަތުމަށް ވަރަށްގިނަ ފަހަރު ސްރީލަންކާގައި ރަޖިސްޓަރީ ކޮށްފައިވާ "ރޯޔަލް އެޖެންސީ" ނަމަކަށްކިޔާ ކުންފުންޏަކުން އަގު ހޯދުމަށްފަހު އެއަގަށްވުރެން ކުޑަ ތަފާތަކުން އަގު ހެޔޮކޮށް "އެމްއެމް އެކްސްޕޯޓް" އިން އަގު ހޯދައިގެން ކަމުގައި ފާހަގަކުރެވެއެވެ.

"ކާޑުގެ ބާވަތްތައް އިމްޕޯޓްކޮށްފައިވާއިރު، "އެމްއެމް އެކްސްޕޯޓް" ފިޔަވައި، އެހެން ފަރާތްތަކުން އިމްޕޯޓްކޮށްފައިވާ މުދަލާއި، "އެމްއެމް އެކްސްޕޯޓް" ގެ މުދަލާއި އަޅާބަލާއިރު، "އެމްއެމް އެކްސްޕޯޓް" އިން އެތެރެކޮށްފައިވާ މުދަލުގެ އަގު ބޮޑުކަމުގައި ފާހަގަކުރެވިފައިވެއެވެ. މިގޮތުން 2006 އަދި 2007 ވަނަ އަހަރު އެހެން ފަރާތްތަކުން ކާޑުގެ ބާވަތްތައް އެތެރެކޮށްފައިވާ ރޭޓްތަކާ "އެމްއެމް އެކްސްޕޯޓް" ގެ ރޭޓްތަކާއި އަޅާބަލައިގެން ބެލުނު ޝިޕްމަންޓްތަކުން "އެމްއެމް އެކްސްޕޯޓް" އިން މިދެއަހަރު ޖުމްލަ 22،104،993 ރުފިޔާ އަގުބޮޑުކޮށް ގަނެފައިވާ ކަމުގައި އަންދާޒާތަކުން ދައްކައެވެ. މިގޮތަށް އަގު ތަފާތުވާ ސަބަބަކީ، ބީލަމަށްނުލައި، "އެމްއެމް އެކްސްޕޯޓް" އާއި ޙަވާލުކޮށްގެން މުދާ ގެނައުމުން ކަމުގައި ފާހަގަކުރަމެވެ. އަދި 2008 ވަނަ އަހަރު ބީލަމަށް ލައިގެން ހުރިހާ އިމްޕޯޓް މުދާ ހޯދާގޮތަށް ނިންމުމުން ބީލަމުގައި "އެމްއެމް އެކްސްޕޯޓް" އިން ހުށަހަޅާފައިވާ އަގުތައް، އެކުންފުނިން ބީލަމަށް ނުލައި ހުށަހަޅާފައިވާ އަގުތަކަށްވުރެން ދަށްކަމުގައި ފާހަގަކުރެވޭތީވެސް، ބީލަމަށްނުލައި "އެމްއެމް އެކްސްޕޯޓް" އިން ގަންނަ މުދަލުގެ އަގު ޢާންމުގޮތެއްގައި ބޮޑުކަމުގައި ދޭހަވެއެވެ." އޮޑިޓް ރިޕޯޓްގައި ހާމަކުރައްވާފައިވެއެވެ.

އިންޑިއާގައި ރަޖިސްޓަރީކޮށްފައިވާ "އެމްއެމް އެކްސްޕޯޓް" ކިޔާ މި ކުންފުންޏަށް 2006 އަދި 2007 ގައި އެސްޓީއޯއަށް އިމްޕޯޓްކުރި ކާޑުގެ ބާވަތްތަކާއި، އެނޫން ބާވަތްތަކުގެ އަގުގެގޮތުގައި އެފަރާތާއި ޙަވާލުކުރަންޖެހޭ 501،907،032 ރުފިޔާގެ ތެރެއިން 431،289،881 ރުފިޔާ އެކުންފުނީގެ އެކައުންޓަށް ދެއްކުމަށްފަހު، 151،617،70 ރުފިޔާ ޙަވާލުކޮށްފައިވަނީ "އެމްއެމް އެކްސްޕޯޓް" ގެ އޭޖެންޓެއްގެ ގޮތުގައި ރާއްޖޭގައި ޙަރަކާތްތެރިވާ، މީގެކުރިން ހުންނެވި މެނޭޖިންގ ޑިރެކްޓަރާއި ޢާއިލީގޮތުން ވަރަށް ގާތް އަމިއްލަ ފަރުދަކާއި ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އޮޑިޓް ރިޕޯޓްގައި ވަނީ، މާނަވީގޮތަށް ބީލަމުގެ އުޞޫލުން އޭގެ މަންފާ ހެޔޮގޮތުގައި ކުންފުންޏަށް ލިބޭގޮތަށް ނޫނީ ކާޑުގެ ބާވަތްތަކާއި އަދި އެހެން މުދާވެސް ކުންފުންޏަށް ނުހޯދުމަށް އެސްޓީއޯއަށް ހުށަހަޅުއްވާފައެވެ.

އެސްޓީއޯއަށް ތަކެތި ގަންނަ ސަޕަލަޔަރުންނަށާއި، އެސްޓީއޯއިން ތަކެތި ގަންނަ ކަސްޓަމަރުންނާއެކު ހިންގޭ މުޢާމަލާތު ތަކުގައި ކުންފުނީގެ މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތައް އެއްގޮތަކަށްވެސް މެދުވެރިނުކުރުމަށާއި، އަދި ފައިސާ ދައްކަވަންޖެހޭ ފަރާތްތަކަށް، އެފަރާތްތަކުގެ ބޭންކް އެކައުންޓަށް ސީދާ ފައިސާ ފޮނުވުމަށްވެސް ވަނީ އަންގަވާފައެވެ.

އަދި "އެމްއެމް އެކްސްޕޯޓް" އަށް ދޫކުރެވިފައި ހުރި ފައިސާ ރަނގަޅަށް ބައްލަވައި، ނަހަމަގޮތުގައި ފައިސާއެއް ދެވިފައިވާނަމަ އެފައިސާ ދެވުނު ފަރާތުން އަނބުރާ ހޯއްދެވުމަށާއި، މިގޮތުން ކުންފުނީގެ މުވައްޒަފުން ބައިވެރިވެގެން ފައިސާ އިތުރަށް ދެވިފައިވާނަމަ އެމުވައްޒަފުން ޖަވާބުދާރީ ކުރުވުމަށްވެސް އަންގަވާފައިވެއެވެ.

No comments:

Post a Comment