Wednesday, October 8, 2008

ވޯޓް ކަރުދާސްކޮޅުގެ ވަގު ކޮޕީތަކެއް ބަޔަކު ހަދައިގެން ބަހަމުންގެންދާ ކަމުގެ ޝަކުވާއެއް އައިސްފައިވޭ: ނެޝަލަން ކޮމްޕްލޭންސް ބިއުރ

Adjust font size: Decrease font Enlarge font
image

އަންނަ ރިޔާސީ އިންތިޙާބްގާ ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ޗާޕުކޮށްފައިވާ ވޯޓް ކަރުދާސްކޮޅާއި އެއްވައްތަރުގެ ނަމޫނާ ކަރުދާހެއް ބަޔަކު މީހުން ޗާޕުކޮށްގެން ބަހަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށް ނެޝަލަން ކޮމްޕްލޭންސް ބިއުރޯގެ ހުސެއިން ރަޝީދު ޔޫސުފް ވިދާޅުވެއްޖެއެވެ.

ކޮމްޕްލޭންސް ބިއުރޯއިން ވިދާޅުވީ ވޯޓް ކަރުދާހުގެ ނަމޫނާ ކަރުދާހެއް ބަޔަކު ޗާޕްކޮށްގެން ނެރެގެން އުޅޭ ކަމުގެ ސަކުވާއެއް އެކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެފަދަ ކަމެއްކުރުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމެއްކުރި ބަޔަކަށް އެކަމުގެ ޙައްގު އަދަބުލިބޭނެ ކަމަށާއި އެމައްސަލަ މިހާރު ބިއުރޯއިން ބައްލަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަންސްގެ މެންބަރ މުޙައްމަދު މާހިރު ވިދާޅުވީ ވޯޓް ކަރުދާސްކޮޅުގެ ނަމޫނާ ކަރުދާހެއް ބަޔަކު ޗާޕްކޮށްގެން އުޅޭ ކަމުގެ ސަކުވާއެއް އެކޮމިޝަނަށް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކޮމިޝަނުން ވޯޓް ކަރުދާސްތައް ޗާޕްކޮށްފައިވާނީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށާއި އެވޯޓް ކަރުދާސްކޮޅުތައް ޑިޒައިންކޮށްފައި ވަނީ ކޮމިޝަނުންނާއި ވޯޓް ކަރުދާސްތައް ޑިޒައިންކުރާ ނޮވެލްޓީން ބައެއް ހިމަނައިގެން ކަމަށެވެ. އެގޮތުން އެ ވޯޓް ކަރުދާސްކޮޅުގައި ދައުލަތުގެ ނިސާން ފަނޑުކޮށް އިނގެން އިންނާނެ ކަމަށް މާހިރު ވިދާޅުވިއެވެ. އަދި ވޯޓް ކަރުދާސް ކޮޅުތައް ޗާޕްކުރުމުގެ މަސައްކަތްތައް ކުރިއަށް ދިޔަ އިރު އެތަނުގައި ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުއަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓް ކަރުދާސްކޮޅުތައް ޗާޕްކުރި އިރު ހަލާކުވާ ހުރިހާ ވޯޓް ކަރުދާސްކޮޅުތައް ވެސް އެކޮމިޝަނަށް ގެނެވިފައިވާ ކަމަށާއި ވޯޓް ކަރުދާސްކޮޅުތައް ޗާޕްކުރުމަށް ބޭނުންކުރި ހުރިހާ އެއްޗެއް ވެސް އެކޮމިޝަނަށް ގެނެވިފައިވާ ކަމަށެވެ. މާހިރު ވިދާޅުވީ ޗާޕްކުރި އިރު ހަލާކުވެފައިވާ ހުރިހާ ކަރުދާސްކޮޅުތަކެއް ވަކިވަކިން އެކޮމިޝަނަށް ގެނެވިފައިވާ ކަމަށެވެ.

މީގެއިތުރުން ވޯޓް ކަރުދާސް ކޮޅުތައް ޗާޕްކުރުމަށް ފަހު އެކޮމިޝަނަށް ގެނެސް ގުނައި ޗެކްކުރުމުގައި ވަކިވަކިން އޭގެ ސީރިއަލް ނަމްބަރުތައް ދިމާވޭތޯ ބަލާފައިވާނޭ ކަމަށާއި ޗެކްކޮށްފައި އޭގައި ހުރި އަދަދު ދިމާވޭތޯ ޗެކްކުރާ މީހާގެ ސޮއި ނެގިފައިވާނޭ ކަމަށް މާހިރު ވިދާޅުވިއެވެ. އަދި މިކަންތައްތައް ކުރިއަށްދާއިރު ވެސް އެތަނުގައި ކޮމިޝަންގެ މެންބަރުންނާއި ފުލުހުން ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓް ކަރުދާސްކޮޅުތައް ގުނުމަށް ފަހު އެ ވޯޓް ކަރުދާސްކޮޅުތައް އަޅާ އެއްޗަކަށް އަޅާ ތަޅުލާ ކަމަށާއި ރައްރަށަށް އެވޯޓް ކަރުދާސްތައް ފޮނުވަނީ އެގުނި ބައެއްގެ ހާޒިރުގައި ކަމަށް މާހިރު ވިދާޅުވިއެވެ. އެހެންކަމުން ވޯޓް ކަރުދާސްކޮޅުތަކުގެ ތެރެއިން ކަރުދާސްކޮޅެއް ލީކްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް މާހިރު ވިދާޅުވިއެވެ. ނަމަވެސް ފައިސާގެ ވަގު ނޫޓް ވެސް ހަދައިގެން ގެންގުޅޭއިރު، އަދި ޓެކްނޮލޮޖީ މިހާކުރިއަރާ މީހުން ކަންކަމަށް އެހާ ކުޅަދާނަވެފައިވާ އިރު މިފަދަ ކަރުދާހެއްގެ ނަމޫނާއެއް ނުހެދޭނެއެކޭ ސައްތައިން ސައްތަ ޔަޤީންކޮށް ބުނެވޭކަށް ނެތް ކަމަށް މާހިރު ވިދާޅުވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ތެރެއިން އެފަދަ އެއްޗެއް ލީކުވެގެން ނުދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮންޕްލޭންސް ބިއުރޯއިން މަޢުލޫމާތު ދެއްވި ގޮތުގައި އިންތިހާބާއި ބެހޭ ގޮތުން އެއްވެސް ފަރާތަކުން ހުށަހަޅުއްވަން ބޭނުންވެލައްވާ ސަކުވާއެއް ވެއްޖެއްޔާމުން އަތޮޅު ކޮންޕްލޭންސް ބިއުރޯތަކަށާއި ރަށު ކޮންޕްލޭންސް ބިއުރޯތަކަށާއި ޤައުމީ ކޮންޕްލޭންސް ބިއުރޯއަށާއި މީގެއިތުރުން އިލެކްސަންސް ކޮމިޝަނަށާއި ސުޕްރީމް ކޯޓަށް ވެސް ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން އެ ބިއުރޯއިން ވިދާޅުވި ގޮތުގައި މިހާތަނަށް އެބިއުރޯއަށް އިންތިހާބާއި ބެހޭގޮތުން ސަތޭކަ އެތައް ޝަކުވާއެއް އައިސްފައިވާ ކަމަށާއި އެންމެ ގިނައިން ހުށަހެޅިފައިވާ ޝަކުވާތަކަކީ ރަޖިސްޓްރޭޝަނާއި ގުޅިގެން އައިސްފައިވާ ޝަކުވާތައް ކަމަށެވެ.

No comments:

Post a Comment