ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާލުމުން ފެންނަމުންދަނީ ހައްތަހާވެސް މައްސަތަކެވެ. ކަންތައްތައް ބޮއްސުންލާ ހައްދު ފަހަނަ އަޅަމުންދާ ތަނެވެ. އެހެންނަމަވެސް ހާލަތައް މިބޮޑު ބަދަލު އަންނަމުންދާންވީ ސަބަބެއް ނެތެވެ. އިލްމުވެރިންވަނީ އިތުރެވެ. މަތީތައުލީމަށް ކުރާހޭދަވަނީ ފުލަޅެވެ. ސިޔާސީގޮތުން މިނިވަންކުރުމަށް ޕާޓީތައް އުފެދިއްޖެއެވެ. ލިޔުންތެރިކަމުގެ އޮނިގަނޑު ހުޅުވާލައިފިއެވެ. އެހެންނަމަވެސް ގައުމުގެ ހާލަތު ކުރިއަށް ދެއެކޭ ބުނެވޭކަށް ނެތެވެ.
“ ތިއީ ވަރަށް ބޮޑު ތެދެއް. ގައުމުގެ ހާލަތު މިދަނީ ހައްތާ ގޯސްވަމުން. މަޖުލީހުގެ ޖަލްސާތައް ޓީވީން ދައްކާތީ މިހާރު މަޖުލިސް ބަލަން. އެކަމަކު މިފެންނަނީ ކޯރަމު ހަމަނުވެގެން މަޖުލިސް ނުބޭއްވޭތަން. އެއީ ސަރުކާރު ހިންގުންތެރިކުރަން ތިބިބަޔަކީ. ބޮޑު މުސާރަދޭ. އެކަމަކު އެންމެ 26 މެމްބަރުން ހަމަނުވެގެން މިއުޅެންޖެހެނީ” ސަރުކާރުގެ މިނިސްޓްރީއެއްގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
ހަގީގަތުގައިވެސް މިއީ ވިސްނާލަންޖެހޭ މައްސަލައެވެ. ގައުމުގެ ހާލަތު ގޯސްވަމުން ދިއުމަކީ އެކަމުގެ ޒިންމާ ވަކިބައެއްގެ ބޮލުގައި އެޅުވުމަށްފަހު އެއްްވެސް ބަޔަކަށް އެއްފަރާތްވެވޭނެ ކަމެއް ނޫނެވެ. މިކަމުގައި ރައްޔިތުންގެ މަޖުލީހާއި ރައްޔިތުންގެ ޚާއްސަ މަޖުލީހާއި ސިޔާސީ ޕާޓީތަކާއި، އަމިއްލަ ޖަމާއަތްތަކުގެ ޒިންމާވެސް އެބައޮތެވެ. މިހާރުގެ ޙާލަތަށް ބަލާލާއިރު ރާއްޖޭގައި ބަލާލިކޮންމެ ދާއިރާއަކުންވެސް ފެންނަމުންދަނީ އެކަމެއްގައި ހައްދު ފަހަނައަޅާފައިވާ މަންޒަރެވެ. ނަމަވެސް ސަރުކާރުގެ ފަރުވާކުޑަ ސިޔާސަތުގެ ދަށުން ގިނަ ކަންތައްތައްވަނީ އެއްވެސް އަޅާލުމެއްނެތި ދޫކޮށްލެވިފަ އެވެ. އެކަންކަމަން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ބޮއްސުންލާފައެވެ.
“މަސްތުވާތަކެތީގެ މައްސަލައަކީ މިއަދަކު އުފަންވިކަމެއްނޫން. އެކަމަށް އެންމެ ފުރިހަމައަށް ސަރުކާރުން އަޅާނުލުމުން މިއަދު މިއޮތީ ބޮއްސުންލާފަ. ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުންވެސް މިމައްސަލަ އެންމެ ސީރިއަސްކޮށް ނަގާފައެއްނުވޭ. ޙަޤީޤަތުގަ ދީނީ ޚިޔާލުތަފާތުވުންތައް އުފެދެމުން ކަންބޮޑުވާއިރު މަސްތުވާތަކެތީގެ މައްސަލައަކީވެސް ހަމަ އެބީދައިން ވިސްނަންޖެހޭ މައްސަލައެއް. އެހެންނަމަވެސް އަހަރުމެންނަށް މިފެންނަނީ މުޅިން އެހެން މަންޒަރެއް.” ކަސްޓަމުގައި މަސައްކަތް ކުރަމުންދާތާ ފަސްއަހަރުވެފައިވާ ދެބައި ޢުމުރުގެ މީހަކު ބުންޏެވެ.
ރާއްޖެއަށް ބަލާއިރު މިފަދަ ކަންތައްތައް ފާހަގަ ނުކުރެވޭ ހަމަ އެންމެ ދިމާއެއްވެސް ނެތެވެ. ލިޔުންތެރިކަމުގެ މިންގަނޑު މިއަދު ކަނޑައެޅިފައިވާ ހިސާބުން އެއްވެސް މީހެއްގެ އަބުރެއް އިއްޒަތެއް ނެތެވެ. ވައްކަމާއި ފޭރުމަކީ ހުތުރު އާދަތައްކަމަށް ދެކުނު ޒަމާން މިހާރަކު ނެތެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގައި އުފަންވަމުންދާ މައްސަލަތަކާމެދު ހާސްވާ ބަޔަކުވެސް ނެތްކަހަލައެވެ.
މިއީ މިއަދުގެ މުޖުތަމަޢުން ފެންނަމުންދާ އާންމު މައްސަލަތަކެވެ. ދީނީ ޚިލާފުވުންތަކަކީވެސް މިއަދު ޤައުމުގެ މިނިވަންކަމާއި އަމާންކަން ގެއްލޭހިސާބަށް ގޮސްފައިވާ ކަންތައްތަކެވެ. ހަމައެގޮތަށް ވިސްނާލަންޖެހޭ މުހިންމު އެތައް އެތައް މައްސަލައެއް ފެންމަތިވެ މިއަދުމިވަނީ ތިލަވެފައެވެ. ނަމަވެސް ކަންތައްތައް މިހިސާބަށްގޮސް ބޮއްސުންލާންޖެހުނީ ކީއްވެގެންބާވައެވެ؟ ޤައުމުގައި ތަޢުލީމީ ޒުވާނުން ދިޔައީ އިތުރުވަމުންނެވެ. ސިޔާސީ މިނިވަންކަންވަނީ ބައެއްގެ ގުރުބާނީއަށްފަހު ނަމަވެސް ހޯދާފައެވެ. ލިޔުންތެރިކަމުގެ މިނިވަންކަމުގައި އިމެއްނެތެވެ. އެހެންވީއިރު ގައުމުގެ އާންމު ޙާލަތު މިވަރުވާންވީ ކީއްވެގެންބާވައެވެ؟
“މުޖުތަމަޢުގައި ކުއްކުރުން އާންމުވެފައިވަނީ އެކަމަށް އެކަށޭނަ އަދަބު ދެވެންނެތީމަ. ޙުކުމް ތަންފީޒުކުރާ މަރުހަލާގައި ހުރަސްތަކެއް ހުރީމަ.” ކުރީގެ ޖަސްޓިސް މިނިސްޓަރ މިނިސްޓަރުކަމުން ވަކިވަމުންދެއްވި ނޫސްކޮންފަރެންސް ގައި ވިދާޅުވެފައިވެ އެވެ.
ހަމައެގޮތަށް އޭރުގެ ބަންޑާރަނައިބު ޑރ. ޙަސަން ސަޢީދުގެ މުޅި ވާހަކަތަކުގެ ހުލާސާއަކީވެސް ސަރުކާރުން ކަންތައްތަކުގައި އަޅަންޖެހޭ ފިޔަވަޅު އެކަމުގެ އެންމެ އެކަށޭނަ ވަގުތު ތަކުގައި އަޅާފައިނުވުމެވެ. މިއީ މިސަރުކާރުގެ މުހިންމު ދެވަޒީރަކު ވަޒީރުކަމުން އިސްތިޢުފާދޭން މެދުވެރިވި މައިގަނޑު އެއްސަބަބެވެ.
ރާއްޖޭގައި މިހާރު ކަންހިގަމުން އަންނަ ޙާލަތަށް ބަލާލާއިރު ސިޔާސީ ކޯޅުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ޤައުމުގެ އާންމު ޙާލަތު ބަދަލުކުރުވާނެ މިނޫނަސް އެތައްކަމެއް މިވަނީ ހިގަންފަށާފަ އެވެ. މާރާ މާރީގެ ބޮޑެތި ޖަރީމާތައް ހިގަމުން މިދަނީ ހީވެސް ނުކުރާފަދަ ހަލުވި މިނެއްގައެވެ. ހަމައެގޮތަށް ހައްދުފަހަނައަޅައި ބޮއްސުންލާފައިވާ ކަންކަމުގެ ލިސްޓުވެސް އެހާދިގެވެ.
“ ހަޤީޤަތުގައި ތަންފީޒީ މަރުހަލާ ދޯދިޔައީ. ބޮޑެތި ވައްކަންތައްކޮށް މަސްތުވާތަކެތީގެ އެތައް މައްސަލައެއް ސާބިތުވެފައިވާއިރުވެސް އެފަދަ މީހުން އެއްދުވަހު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ދިޔައީއްޔާ އަނެއްދުވަހު ފެންނާނީ މަގުމަތިން. މިއީ ޤައުމެއްގެ ކަންތައްތައް ރަނގަޅުކުރެވޭނެ ގޮތެއްނޫން. ތަންފީޒީ ދާއިރާގައި މިހާރަށްވުރެ ހަރުދަނާވެގެން މިކަންވާނީ.” ސަރުކާރުގެ މަތީމަގާމެއް ފުރަމުންގެންދާ ޙާއްޞަމަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.
ރާއްޖޭގެ އާންމު ޙާލަތު މިހާރުމިވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ގައުމުގެ ހުރިހާ ދިމާލަކުން ނޭދެވޭ ނުވަތަ ނޭންގާނީ ބަލިތައް މިވަނީ އުފަންވާން ފަށާފައެވެ. މިއީ މިކަމަށް އަވަސް ޙައްލެއް ލިބެންޖެހޭނެ ކަމެކެވެ.
No comments:
Post a Comment