އިސްމާއީލް ރަޝީދު އަދި މިއުސަމް އައްބާސް
ދިވެހި ސިވިލް ސާވިސް އުފެދުމަށް ފަހު ސަރުކާރުގެ މުވައްޒަފުންނަށް މަގާމުގެ އަވަސް ކުރިއެރުންތަކެއް ދޭ މައްސަލައަކީ ކަން ބޮޑުވާކަމެއް ކަމުގައި ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު ލަތީފު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. ލަތީފު ވިދާޅުވީ ސިވިލް ސާވިސް ގާނޫނުގެ ރޫހާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި ގާނޫނުގައި ބަޔާންކުރާ ކަންތައްތައް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް އޭނާ ގޮވާލެއްވި އެވެ.
މަގާމުގެ ކުރިއެރުން ދިނުމުގައި ތަފާތުކުރުމުގެ މައްސަލަ މިހާރު ވެސް އުޅޭތޯ ދެންނެވުމުން ކުރިން އެޑިޔުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ލަތީފު ވިދާޅުވީ މިހާރު ވެސް އެ އިޝޫ އުޅޭ ކަމަށެވެ.
” ކޮމިޝަނުގެ ކަންތައްތައް ހަމަޖެއްސުމަށް ހައެއްކަ މަސް އެބަ އޮތް. އަންނަ އަހަރުގެ މެ މަހުގެ ދެވަނަ ދުވަހުގެ ފަހުން އެކަންތައްތައް ހިނގާނީ ގަވާއިދުން އެއް އުސޫލަކުން,“ ޑރ. ލަތީފު ވިދާޅުވި އެވެ.
ސިވިލް ސާވިސް އުފެދުމަށް ފަހު ސަރުކާރުން އެއް ފަހަރާ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ދެމުންދާ މައްސަލައާ މެދު ކަން ބޮޑުވާކަން ނުވަތަ ގާނޫނުގެ ރޫހާ ހިލާފަށް އަމަލުކުރާ ނަމަ އެކަން އެގޮތަށް ނުކުރުމަށް ބަޔާނެއް ނެރޭނެތޯ ދެންނެވުނުން ލަތީފު ވިދާޅުވީ އެކަން ކުރަން ޖެހިއްޖެ ނަމަ އެ ފަދަ ބަޔާނެއް ވެސް ނެރޭނެ ކަމަށާއި ގާނޫނު ތަންފީޒުކުރުމަށް އެއްވެސް ގޮތަކަށް ދިވެހި ސިވިލްސާވިސް ކޮމިޝަން ފަސް ނުޖެހޭނެ ކަމަށެވެ.
ކޮމިޝަނަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން 65 އަހަރުންމަތީގެ މީހުން ރިޓަޔާކުރުން ކަމަށާއި ކުޑަ ޕެންޝަނާއެކު ތިބި މުވައްޒަފުން ވަކިކުރާއިރު އެ ފަދަ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހޭކަމަށް ވެސް ޑރ. ލަތީފު ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކަމުންދާ ކަމަށާއި ގާނޫނުގައިވާ އުސޫލުން އަމަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
No comments:
Post a Comment