ބިޔާދޫއާ ގުޅޭގޮތުން ކޮށްފައިވާ ލީސް އެގްރީމެންޓް ބާތިލުކޮށްދެއްވުމަށް ޔޮޓް ޓުއަރސްއިން މަދަނީ ކޯޓުގައި އެދެފި
ކ ބިޔާދޫ މިހާރު އެވޯޑްކޮށްފައިވާ ފަރާތްކަމަށްވާ ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއި ސަރުކާރާ ދެމެދު ކ ބިޔާދޫއާ ގުޅޭގޮތުން ކޮށްފައިވާ ލީސް އެގްރީމެންޓަކީ ބާތިލް އެގްރިމެންޓެއްކަމުގައި ޝަރީއަތުން ކަނޑައަޅައިދެއްވުމަށް ޔޮޓް ޓުއަރސް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
މިއަދު މަދަނީ ކޯޓުގައި ބޭއްވި މިމައްސަލާގެ ޝަރިއަތުގައި ޔޮޓް ޓުއަރސްގެ ފަރާތުން ވަކާލާތު ކުރައްވާ ކުންފުނީގެ ޗެއަރމަން ގއ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 2004 ގައި ހުށަހެޅި ބިޑް ސަރުކާރުން ވަޒަންކުރުމުން އައިސްފައިވާ ނަތީޖާ ނިޔާކުރާގޮތުގެމަތިން އެރަށް ޔޮޓް ޓުއަރސްއަށް އެވޯޑްކޮށްދެއްވުމަށް ސަރުކާރަށް އަންގަވައިދެއްވުމަށެވެ.
"ސަރުކާރުގެ އިހުމާލުން މިކުންފުނީގެ ހައްގު ގެއްލި، ފާއިތުވެފައިވާ 3 އަހަރަށް ކޮންމެ އަހަރަކަށް 2.5 މިލިއަން ޔޫ.އެސް.ޑޮލަރުގެ މަގުން 7.5 މިލިއަން ޔޫ.އެސް.ޑޮލަރުގެ ގެއްލުން މިހާތަނަށް މިކުންފުންޏަށް ލިބިފައިވޭ" ޖާބިރު ވިދާޅުވިއެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ޔޮޓް ޓުއަރސްއިން ވިދާޅުވި ކަންތައްތަކަށް ލިޔުމަކުން ޖަވާބު ދެއްވާނެ ކަމަށެވެ. އަދި ޖަބާވް ތައްޔާރު ކުރެއްވުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށްވެސް އެދިވަޑައިގަތެވެ. ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދައުލަތައް ދެއްވާފައެވެ.
ޖާބިރު ވިދާޅުވީ ޔޮޓް ޓްއަރސްއާ ކ ބިޔާދޫ ހަވާލުކުރުމަށް ސަރުކާރުގެ ކިބައިން އެދިފައިވީ ނަމަވެސް އެގޮތުގެމަތިން ސަރުކާރުން އަމަލުކޮށްދެއްވާފައިނުވާ ކަމަށެވެ. އަދި ހުދް ޔޮޓް ޓުއަރސްއިން ބިޑް އިވެލުއޭޓްކުރުމުގެ ކުރިން އެ އެވިއުލޭޝަނުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަނަމަވެސް އެރަށް މިހާރު އެވޯޑްކޮށްދެއްވާފައިވާ ފަރާތުގެ ކިބައިގައި އެރަށް ދަމަހައްޓަން ސަރުކާރުން ނިންމަވާފައިވާކަން ލިޔެކިޔުމުން އެގެން އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ނީލަމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ބިޑިންގ ޑޮކިއުމެންޓުގައި އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރާ ބިޑަކީ އެންމެ މަތިން އިވިއުލޭޓްކުރެވޭ ބިޑްކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.
"ޔޮޓް ޓުއަރސް ކ ބިޔާދޫއަށް ހުށަހެޅި ބިޑަށް 84.48 ޕޮއިންޓްސް އަދި ކ ވިލިވަރަށް ހުށަހެޅި ބިޑަށް 87.803 ޕޮއިންޓްސް ލިބިފައިވެއެވެ. މިއާއަޅާބަލާއިރު ކ ވިލިވަރު މިހާރު 81.680 ޕޮއިންޓްސް ކަމުގައިވާތީ އަދި ކ ވިލިވަރު މިހާރު އެވޯޑްކޮށްފައިވާ މއ އަތަމާގޭ އިބްރާހިމް އަބްދުއްލަތީފަށް އެރަށަށް ހުށަހެޅި ބިޑަށް ލިބިފައިވާ ޕޮއިންޓްސްއަކީ 88.343 ކަމުގައިވާތީ މިނަތީޖާތަކަށް ބެލުމުން، ކ ބިޔާދޫއަށް ޔޮޓް ޓުއަރސްއިން ހުށަހަލާފައިވާ ބިޑަކީ މިހާރު އެރަށް އެވޯޑްކޮށްފައިވާ ފަރާތަށްވުރެ މަތިން އިވެއުލޭޓްވެފައިވާ ބިޑެއްކަން ސާބިތުވެއެވެ" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކ ބިޔާދޫއަށް ހައްގު އޮތް ފަރާތަކީ ޔޮޓް ޓުއަރސް ކަމަށް ސަރުކާރަށް ސާބިތުވެފައިވީނަމަވެސް އެރަށް ޔޮޓް ޓުއަރސްއަށް ބަދަލުކުރުމުގެ ބަދަލުގައި އަދުލުވެރި ބަދަލެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވީނަމަވެސް އެފަދަ ބަދަލަކާ މެދު ޔޮޓް ޓުއަރސް އާއި ސަންލޭންޑް އެއްބަސްވެފައިނުވާ ކަމަށެވެ. އަދި ޔޮޓް ޓުއަރސްއިން ބަދަލެއް ބޭނުންނުވާ ކަމަށާއި ޔޮޓް ޓުއަރސްއިން ބޭނުންވަނީ ބިޔާދޫ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ މިހާރު ޓުއަރިޒަމް މިނިސްޓްރީންވެސް ބޭނުންވަނީ ކ ބިޔާދޫ ޔޮޓް ޓުއަރސްއަށް ދިނުމަށް ކަމަށާއި ނަމަވެސް ސަންލޭންޑުގެ އަތުގައި ބިޔާދޫ ބާއްވަން ރައީސް މައުމޫނުގެ ކެބިނެޓުގައި އިންނަވާ ސަންލޭންޑުގެ ޑިރެކްޓަރެއް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
|
No comments:
Post a Comment