ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބެންޖެހޭ 31 މިލިއަނަންވުރެއް ގިނަ ޑޮލަރު ނުލިބި އެބަހުރި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓް ބުނެފިއެވެ. އޮޑިޓް ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން އޮޑިޓް ކުރުމަށްފަހު 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓްއިން ފާހަގަކުރެވުނު ކަންތައްތަކާމެދު އިސްލާހީ ފިޔަވަޅު އެޅުއްވުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އަދި މިކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މިހާރު ހިނގަމުންދާ ރިޒޯޓުތަކުގެ ކުލި ގަވާއިދުން އާނުކުރެއްވުމުގެ ސަބަބުންނާއި، އަލަށް ދޫކުރެވުނު ރަށްތައް ހަދަން ހުއްދަދިނުން ލަސްވެ، ކުލީގެ ގޮތުގައި ލިބުމުގެ ފުރުސަތު އޮތް ކުލި ބަރާބަރަށް ލިބިފައި ނެތުމުން އަދި ޕާރފޯމަންސް ގެރެންޓީގެ މުއްދަތު ހަމަވުން ފަދަ ކަންކަމުގެ ސަބަބުން 31،105،005 ޑޮލަރު އާމްދަނީ ދައުލަތަށް ނުލިބި އެބަހުރި ކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. “މިއީ ހުދުފުށި، ވިލިނގިލި އަދި ވިލިވަރު ރިޒޯޓުން ކުލީގެ ގޮތުގަޔާއި ކުލި ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ އާއި ނުލިބިފައިވާ އެއްވެސް ލިކުއިޑޭޓަޑް ޑެމޭޖްސްގެ އެއްވެސް ފައިސާއެއް ނުހިމަނައެވެ. ވީމާ، މިފައިސާ ލިބެންވީ ފަރާތްތަކުން އަވަހަށް ހޯއްދެވުމަށް ދަންނަވަމެވެ” މިރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި “ޕިކްނިކް އައިލެންޑް” ގެ މާނަ މިހާރުވަނީ މުޅިން އޮޅިފައިކަމަށާއި، ރަށްހަދާ ނުނިމެނީސް ބައެއް ރަށް ބަދަލުކޮށްދެއްވާފައިވާކަމަށާއި، 2004 ވަނަ އަހަރު ބީލަމަށްލި 11 ރަށުގެ ތެރެއިން މިހާތަނަށް ހުޅުވާފައިވަނީ އެންމެ ރަށެއްކަމަށާއި، 2006 ވަނަ އަހަރު ބީލަމަށްލީ 20 ރަށުގެ ތެރެއިން މިހާތަނަށް ހުޅުވާފައިވަނީވެސް އެންމެ ރަށެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމް.ޓީ.ސީސީއިން މިހާތަނަށް ހަދާފައިވަނީ އެންމެ ރަށެއްކަމަށާއި، އަހަރުވީއިރު އެއަރޕޯޓް އިންވެސްޓްމަންޓްސްއަށް ދޫކުރެވުނު ސަބްލީސް އެގްރީމެންޓްގައި ސޮއިކުރުވިފައިވެސް ނުވާކަމަށާއި، “ސިޓީ ހޮޓެލް” ހަދަން ދޫކުރި އެއްވެސް ބިމެއްގެ މަސައްކަތްއެދެވޭ ގޮތެއްގައި ފެށިފައިނުވާކަމަށާއި، 2007 ގައި “ޓްރާންސިޓް ހޮޓެލް” ހަދަން ދޫކުރި ބިންތަކުގައި އަދިވެސް އެއްވެސް މަސައްކަތެއް ނުހިނގާކަމަށް ރިޕޯޓް ބަޔާންކުރެއެވެ. މީގެ އިތުރުން ރިޕޯޓުގައި ބުނަނީ އެއަރޕޯޓާއެކު ހެދުން ސަރުތުކޮށް ރިޒޯޓް ހަދަން އަމިއްލަ ފަރާތްތަކަށް ދޫކުރި 3 ރަށުގައި އެއްވެސް މަސައްކަތެއް ނުހިނގާކަމަށާއި 2008، ،2007 ގައި ރިޒޯޓް ހެދުމަށް ދޫކުރި 5 ރަށުގައި އަދި އެއްވެސް މަސައްކަތެއް ނުހިނގާކަމަށާއި، 2000 ގައި ދޫކުރި ޅ.ހުދުފުށި ކުއްޔަށް ދެއްވާފައިވާ ފަރާތުން މިހާރު ނަންގަވަންވެއްޖެކަމަށެވެ. އަދި 2005 ގައި ދޫކުރި ވިލިވަރާއި ބިޔާދޫގެ މައްސަލަ މިހާރުދެން ނިމުމަކަށް ގެންނަވަންވެއްޖެކަމަށްވެސް ރިޕޯޓު ބުނެއެވެ. މިރިޕޯޓު ނިންމުމުގައި މިހާތަނަށް ކުރެވުނު ތަޖުރިބާއާ ލިބުނު ފިލާވަޅުގެ އަލީގައި ފިޔަވަޅު އެޅުއްވަންޖެހޭ ކަންތައްތައް ބަޔާންކޮށް 15 ކަމެއް ބަޔާން ކޮށްފައިވެއެވެ. އޭގެތެރޭގައި ރަށްތައް ހިނގާ ނުހިނގާ ގޮތް މިހާރަށްވުރެން ރަގަޅަށް ބެލެހެއްޓުމާއި އެގްރީމެންޓާ ޚިލާފުވާ ރަށްތައް ނެންގެވުމާއި، ފައިދާނުވާވަރުގެ ބޮޑުކުލި ހުށަހަޅައިގެން ނަގާފައިވާ ރަށްތައް ނެންގެވުމާއި، ރަށްތައް ދޫކުރެއްވުމުގައި ދެމެހެއްޓެނިވި ޓޫރިޒަމަށާއި ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ އަގު ހިފެހެއްޓުމަށް އެންމެ އިސްކަންދެއްވުމާއި، އެންވަޔަރަންމަންޓަށް ފެތޭ، އަދި ހުއްދަލިބޭނެ ޕްރޮޖެކްޓްތައް ހިންގުމަށްނޫނީ ރަށްތައް ދޫނުކުރެއްވުމާއި، ރިޒޯޓް ހަދަން ކަމުދާ ރީތި ރަށްރަށްނޫނީ ދޫނުކުރެއްވުމާއި، ނުފޫޒާއި ބާރުފޯރުވޭ ގޮތަށް ބިޑް ނުނެރުއްވުން ހިމެނެއެވެ. އަދި ބިޑް ޑޮކިއުމެންޓާ އެއްގޮތަށް ލީސް އެގްރީމެންޓް އެކުލަވާލައި ތަންފީޒު ކުރެއްވުމާއި، ރަށްތައް ދޫކުރުމަށްފަހު ލަސްނުކޮށް އިމާރާތް ކުރުމުގެ ހުއްދަ ދެއްވުމާއި ކޮންމެ ޕްރޮޖެކްޓަކަށް ރިޒޯޓެއް ހުށަހަޅައިގެން ނުސީދާކޮށް ސަބްސިޑައިޒްކުރެއްވުމަށް ހުއްޓާލެއްވުމާއި ރިޒޯޓްއާއި ޓްރާންސިޓް ފަދަ ޕްރޮޖެކްޓްތަކަށް ފަޅު ހިއްކުން ހުއްޓާލެއްވުން ހިމެނެއެވެ. މީގެއިތުރުން އެއްވެސް ބަޔަކަށް އޮބިނޯންނަ ވަރަށް ރަށްތައް ނުދެއްވުމާއި މިނިސްޓްރީގައި އަދާކުރައްވާ ވަޒީފާއާ ފުށުއަރާ މަސައްކަތް ނުކުރެވޭގޮތަށް ހަމަޖެއްސެވުމާއި އެގްރިމަންޓްތައް ތަންފީޒު ކުރެއްވުމަށް ކެރިވަޑައި ނުގެންނެވުން ހިމެނޭ ކަމަށްވެސް މިރިޕޯޓުގެ ނިންމުގައި ބަޔާން ކުރައްވާފައިވެއެވެ. މިރިޕޯޓުގައި އިތުރަށް ބަޔާން ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ބަޖެޓް ޑެފިސިޓަށް ފައިސާ ހޯއްދެވުންފަދަ ކަންކަމަށް ރަށްތައް ދޫނުކުރެއްވުމަށާއި އަދި ގެދޮރުގައި ހިފާގެންގުޅޭ ސާމާނު ވިއްކަން ޖެހިގެން ވިއްކާ އުސޫލުން މިއަގުހުރި ރަށްތައް ބީލަމަށް ނުލެއްވުމަށް އެދިފައިވެއެވެ. މީގެއިތުރުން ރަށްތައް ދޫކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ސަރުކާރުގެ އިސް މަގާމުގަކުގައި ތިއްބަވާ ވެރިންނާއި، ރަށްތައް ދޫކުރުމުގެ ސިޔާސަތު ކަނޑައަޅައި ހިންގުމުގައި ބައިވެރިވެ، ވެރިންނާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ބީލަމުގައި ބައިވެރި ނުވެވޭގޮތަށް ރަށްތައް ދޫކުރެއްވުމަށްވެސް ދަންނަވާފައިވެއެވެ. “ހަމައެއާއެކު ސަރުކާރުގެ ނުފޫޒާއި، ބާރުފޯރުވައި، މިކަމުގައި އުޅޭ މީހުންގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމުގެ ފުރުސަތު ނުދީ، އަދި އާއްމުކޮށް އެންމެންނަށް ނުލިބޭ މައުލޫމާތު މަދު ބަޔަކު ބޭނުންކޮށްގެން، ނާޖާއިޒު ފައިދާ ނަގަން ޖާގަ ނުލިބޭގޮތަށް ރަށްތައް ދޫކުރެއްވުމަށްވެސް ދަންނަވަމެވެ” އަދި ރަށް ހެދުން ލަސްވާ ފަރާތްތަކާއި، އެގްރީމެންޓާ ޚިލާފުވެ، ކުލި ނުދައްކާ ފަރާތްތަކުން ލަސްނުކޮށް ރަށް ނެންގެވުމަށާއި ވޭތުވެދިޔަ ދެތިން ހަތަރު އަހަރު ތެރޭގައި ދޫކުރެވުނު ރަށްތައް އެއްބަޔަކަށް މާގިނައިން ސަރުކާރުން ނުދެއްވާނެކަމުގެ އަޑުއަރުވާފައި އޮތް ނަމަވެސް މަދުފަރާތްތަކަކަށް ވަރަށްގިނަ ރަށްތައް ދެވިފައިވާކަމާ، އޭގެ ސަބަބުން އެފަރާތްތަކަށް އެތަންތަން ހަދާ ނިންމެވުމަށް ބޭނުންވާ ފައިސާ ނުލިބިގެން ރަށްތައް ހެދުން ހުއްޓިފައިވާކަމުގައި ފާހަގަ ކުރައްވާފައިވެއެވެ |
Wednesday, October 8, 2008
ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބެންޖެހޭ 31 މިލިއަން ޑޮލަރު ނުލިބި އެބަހުރި ކަމަށް އޮޑިޓް ރިޕޯޓް ބ
Subscribe to:
Post Comments (Atom)
No comments:
Post a Comment