Wednesday, October 8, 2008

ވަޒީފާއާ ބެހޭ ބިލަށް ގެނައި އިސްލާހުތަކުގެ ސަބަބުން ސިފައިންގެ ހައްޤުތަކެއް ގެއްލޭތީ ސިފައިންގެ މައިމަރުކަޒުގެ ތެރޭގައި ހަމަނުޖެހުމެއް ރޭ ހިނގައިފި


އަހުމަދު މުހުސިން ހަވީރު، 16:12 0 ޚިޔާލު

ވަޒީފާއާ ބެހޭ ބިލަށް ގެނައި އިސްލާހުތަކުގެ ސަބަބުން ސިފައިންގެ ހައްޤުތަކެއް ގެއްލޭތީ ސިފައިންގެ މައިމަރުކަޒުގެ ތެރޭގައި ހަމަނުޖެހުމެއް ރޭ ހިނގައިފިއެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއާ ބެހޭ ޤާނޫނުނުން ކުރިން އިސްތިސްނާވާ ބައެއްގެ ގޮތުގައި ހިމެނިފައި ނުވާ ސިފައިންނާއި ފުލުހުން މިހާރު އެޤާނޫނުން އިއްޔެ އިސްތިސްނާ ކުރީތީ އެކަމާ ހިތްހަމަ ނުޖެހިގެން ސިފައިންގެ މައި އިމާރާތުގެ މެސްރޫމް ތެރޭގައި ހަމަނުޖެހުން އުފެދި ކެއުމުގެ ކަންތައް ކުރިއަށްދިޔައިރު ބައެއް ތަށިތަކާ އެއްޗެހި ތަޅާ ފުނޑުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަޑުގަދަވެ ތަފާތު ޝުއޫރުތައް ފާޅުކޮށް ސަރުކާރަށާއި ތަނުގެ އިސްވެރިންނަށް ފާޑު ކިޔާފައިވެއެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހަމަޔަކަށް އެޅުނީ އޮފިސަރ ލެވެލްގެ ބޭފުޅުން ވަޑައިގެން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ސިފައިންގެ ޤާނޫނުގެ ދަށުން ހަދާ ގަވައިދުތަކުން ސިފައިންގެ ޙައްޤުތައް މާ ރަނގަޅަށްވެސް ލިބިދޭނޭ ކަމަށް ވާހަކަދެއްކެވުމުން ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ މީޑިޔާ ކޯޑިނޭޓަރ މޭޖަރ އިބްރާހީމް އަފްޒަލް ވިދާޅުވީ ސިފައިންގެ ތެރޭގައި ހަމަނުޖެހުމެއް ހިނގިކަމަށް ދެކެވޭ ވާހަކައަކީ ރޯ ބުހުތާނު ދޮގެއް ކަމަށެވެ.

”އެއީ ރޯ ބުހުތާނު ދޮގެއް. އެފަދަ އެއްވެސް ކަމެއް ސިފައިންގެ ތެރެއަކު ނުހިނގާ. ހަޤީގަތުގައިވެސް އެޤާނޫނަށް ގެނައި ބަދަލުގެ ސަބަބުން ސިފައިންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް“ އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނުން ސިފައިން އިސްތިސްނާ ވުމަކީ އެމީހުންނަށް މާބޮޑަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި ހައްޤުތައް މާފުރިހަމައަށް ލިބިދޭނޭ ކަމަށެވެ.

”ސިފައިންނާ ފުލުހުންގެ ޤާނޫނުގެ ދަށުން ހަދާފައިވާ އަދި ހެދޭ ޤަވާއިދުތަކުން ހައްޤުތައް މާފުރިހަމައަށް ލިބިދޭނެ. ހައްޤަކަށް ގެއްލުން ލިބި އެމީހުންނަށް މާބޮޑަށް ބުރަބޮޑުވެ މިއިން އެއްވެސް ކަމެއް ނުހިނގާނެ. އެއަށްވުރެ މާބޮޑަށް ފައިދާވެގެންދާނީ.“ އަފްޒަލް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުން ފުލުހުންނާ ސިފައިން އިސްތިސްނާ ވުމަކީ އެދެމުއައްސަސާއަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމަށާއި ކުރެވޭ އިހާނެތި ކަމެއް ކަމަށް އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަރަށް އަސަރާއެކު މާލޭ މެންބަރ އިބްރާހީމް އިސްމާއީލް ވަނީ ވާހަކަދައްކަވާފައެވެ. އެވާހަކަ އެގޮތަށް ފާހަގަކުރެއްވީވެސް ހަމައެކަނި އިބުރާއެވެ.

No comments: