ސަން ޓްރެވަލް އެންޑް ޓުއާސްއިން އަލަށް ތަރައްގީ ކުރަމުންދާ ނ.މެދަފުށި މިހާރުގެ އިރުފުށި ރިސޯޓުގެ އިސްމަގާމްތަކަށް ބިދޭސީ މުވައްޒަފުން ނަގަމުންދާތީ އެރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ނުރުހުން ފާޅުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ ދ.މެންބަރު އަދި ޑީއާރްޕީގެ ނައިބް ޒައީމް އަހުމަދު ޝިޔާމު ހިއްސާ އޮންނަ ސަން ޓްރެވަލް އެންޑް ޓުއާސްއިން އަލަށް ތަރައްގީކުރާ އިރުފުށީ ރިސޯޓުގެ އިސް ސްޓާފުންގެ ގޮތުގައި 70 އަށްވުރެއް ގިނަ ބިދޭސީން މީގެ އެއްމަސްކުރިން ނަގާފައިވާއިރު މިއިން އެއްވެސް ވަޒީފާއަކަށް ދިވެހި މީހަކު ނަގާފައިނުވާ ކަމަށް އެރަށުގައި މަސައްކަތްކުރާ ދިވެހި ސްޓާފަކު ބުންޏެވެ.
އޭނާ ބުނީ 217 އެނދުގެ މިރިސޯޓަށް ބިދޭސީ މުވައްޒަފުން ނަގާފައިވަނީ ދިވެހި މުވައްޒަފުން ހޯދުމަށް އިއުލާންވެސް ކުރުމަކާނުލާ ކަމަށެވެ. ފަރަންސޭސި މެނޭޖަރެއްގެ ބެލުމުގެ ދަށުން ތަރައްގީކުރަމުންދާ މިރިސޯޓަށް ނެގި ސްޓާފުންނަކީ އަވަށްޓެރި އިންޑިޔާއާއި ސްރީލަންކާ އާއި ފިލިޕީންސް އަދި ކެންޔާގެ މީހުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭން ކުޑަ ހޭދައެއްކޮށްގެން ދިވެހިން ލިބެން ތިއްބައި، ބޮޑު މުސާރައެއް ދީފައި ރިސޯޓަށް އަލަށް ނެގި ބިދޭސީ ސްޓާފުންގެ 70 ޕަސެންޓަކީ ފިލިޕީންސްގެ މީހުން ކަމަށާއި މިމީހުންނަކީ ކޮންމެ އަހަރަކު ޗުއްޓީއަށް ރަށަށްދާ ބައެއް ކަމަށާއި އެހެންކަމުން ކޮންމެ އަހަރަކު ދެކޮޅު ޓިކެޓަށްވެސް މީހަކަށް އެއްހާސް ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ.
އަންނަ އަހަރު ފެބްރުއަރީ މަހު ހުޅުވުމަށް ތައްޔާރުކުރަމުންދާ މިރިސޯޓުގެ އިސް މަގާމުތަކަށް ދިވެހި މުވައްޒަފުން ހޯދުމަށް ރިސޯޓުގެ މެނޭޖްމަންޓުން އެއްވެސް މަސައްކަތެއްކޮށްފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދީފައިނުވާތީ މިހާރު އެރިސޯޓުގައި މަސައްކަތްކުރާ މަދު ދިވެހި މުވައްޒަފުންވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މެދަފުށީގައި ވަޒީފާ އަދާކުރާ 32 މީހަކަށް ކާނާ ވިހަވެގެން ނ.އަތޮޅު ހޮސްޕިޓަލުން މިދިޔަ މަހުގެ 30 ގައި ފަރުވާދީފައިވާ ކަމަށްވެސް މައުލޫމަތު ލިބިފައިވެއެވެ. ހަށިގަނޑާ ނުގުޅޭ އެއްޗެއް ކެވިގެން މަނަދޫ ހޮސްޕިޓަލުގައި 16 މީހަކު އެޑްމިޓްކޮށްފައިވާއިރު ފަރުވާ ހޯދި މީހުން ބަނޑުގައި ރިއްސައި ހޮޑުލެވޭތީ އުޅެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މެދަފުށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދިވެހި ބޭންކާއި ބޭރުގެ އިތުރު ތިން ބޭންކެއް ގުޅިގެން 24.5 މިލިއަން ޑޮލަރުގެ ލޯނެއް ސަން ޓްރެވަލް އެންޑް ޓުއާސްއަށް ދޫކޮށްފައިވެއެވެ. މިކަމާބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ސަންޓްރެވަލް އެންޑް ޓުއާސްގެ މަސްއޫލްވެރިޔާ އަހުމަދު ޝިޔާމަށް ގުޅުމުން ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ. އަދި އެތަނުގެ މީޑިޔާއަށް މައުލޫމާތުދެއްވުމަށް ހަމަޖައްސާފައިވާ ޑިރެކްޓަރު އަހުމަދު ޝާކިރަށް ގުޅަންކުރި މަސައްކަތްވެސް ކާމިޔާބުވާގޮތްވަނީ ނުވެފައެވެ. |
No comments:
Post a Comment