Showing posts with label Audior General's Report - Responses. Show all posts
Showing posts with label Audior General's Report - Responses. Show all posts

Thursday, October 9, 2008

ބީލަމުގެ އުޞޫލުން، ކުންފުންޏަށް މަންފާ ލިބޭގޮތަށް ނޫނީ ކާޑުގެ ބާވަތްތަކާއި އެހެން މުދާވެސް ނުހޯދުމަށް އޮޑިޓަރ ޖެނެރަލް އެސްޓީއޯއަށް އަންގަވައިފ, ބީލަމ



07 އޮކްޓޫބަރ 2008
ޙާމިދު - ހާމަނޫސް
image

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް ގަންނަ ކާޑުގެ ބާވަތްތައް، 2007 ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން 50 ޕަސަންޓް ބީލަމުގެ އުޞޫލުން ގަންނަ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ބީލަމަށް ލާންޖެހޭ 50 ޕަސަންޓް ވެސް ގިނަފަހަރަށް ގެނެވެނީ ބީލަމަށްނުލައި "އެމްއެމް އެކްސްޕޯޓް" ކިޔާ އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް، ހަމައެކަނި އެކުންފުނިން އަގު ހޯދައިގެންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރޭ ނެރުއްވި އެސްޓީއޯގެ މިިދިޔަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ. މިރިޕޯޓްގައި ބުނެފައިވަނީ، ކާޑުގެ ބާވަތްތައް ގަތުމަށް ވަރަށްގިނަ ފަހަރު ސްރީލަންކާގައި ރަޖިސްޓަރީ ކޮށްފައިވާ "ރޯޔަލް އެޖެންސީ" ނަމަކަށްކިޔާ ކުންފުންޏަކުން އަގު ހޯދުމަށްފަހު އެއަގަށްވުރެން ކުޑަ ތަފާތަކުން އަގު ހެޔޮކޮށް "އެމްއެމް އެކްސްޕޯޓް" އިން އަގު ހޯދައިގެން ކަމުގައި ފާހަގަކުރެވެއެވެ.

"ކާޑުގެ ބާވަތްތައް އިމްޕޯޓްކޮށްފައިވާއިރު، "އެމްއެމް އެކްސްޕޯޓް" ފިޔަވައި، އެހެން ފަރާތްތަކުން އިމްޕޯޓްކޮށްފައިވާ މުދަލާއި، "އެމްއެމް އެކްސްޕޯޓް" ގެ މުދަލާއި އަޅާބަލާއިރު، "އެމްއެމް އެކްސްޕޯޓް" އިން އެތެރެކޮށްފައިވާ މުދަލުގެ އަގު ބޮޑުކަމުގައި ފާހަގަކުރެވިފައިވެއެވެ. މިގޮތުން 2006 އަދި 2007 ވަނަ އަހަރު އެހެން ފަރާތްތަކުން ކާޑުގެ ބާވަތްތައް އެތެރެކޮށްފައިވާ ރޭޓްތަކާ "އެމްއެމް އެކްސްޕޯޓް" ގެ ރޭޓްތަކާއި އަޅާބަލައިގެން ބެލުނު ޝިޕްމަންޓްތަކުން "އެމްއެމް އެކްސްޕޯޓް" އިން މިދެއަހަރު ޖުމްލަ 22،104،993 ރުފިޔާ އަގުބޮޑުކޮށް ގަނެފައިވާ ކަމުގައި އަންދާޒާތަކުން ދައްކައެވެ. މިގޮތަށް އަގު ތަފާތުވާ ސަބަބަކީ، ބީލަމަށްނުލައި، "އެމްއެމް އެކްސްޕޯޓް" އާއި ޙަވާލުކޮށްގެން މުދާ ގެނައުމުން ކަމުގައި ފާހަގަކުރަމެވެ. އަދި 2008 ވަނަ އަހަރު ބީލަމަށް ލައިގެން ހުރިހާ އިމްޕޯޓް މުދާ ހޯދާގޮތަށް ނިންމުމުން ބީލަމުގައި "އެމްއެމް އެކްސްޕޯޓް" އިން ހުށަހަޅާފައިވާ އަގުތައް، އެކުންފުނިން ބީލަމަށް ނުލައި ހުށަހަޅާފައިވާ އަގުތަކަށްވުރެން ދަށްކަމުގައި ފާހަގަކުރެވޭތީވެސް، ބީލަމަށްނުލައި "އެމްއެމް އެކްސްޕޯޓް" އިން ގަންނަ މުދަލުގެ އަގު ޢާންމުގޮތެއްގައި ބޮޑުކަމުގައި ދޭހަވެއެވެ." އޮޑިޓް ރިޕޯޓްގައި ހާމަކުރައްވާފައިވެއެވެ.

އިންޑިއާގައި ރަޖިސްޓަރީކޮށްފައިވާ "އެމްއެމް އެކްސްޕޯޓް" ކިޔާ މި ކުންފުންޏަށް 2006 އަދި 2007 ގައި އެސްޓީއޯއަށް އިމްޕޯޓްކުރި ކާޑުގެ ބާވަތްތަކާއި، އެނޫން ބާވަތްތަކުގެ އަގުގެގޮތުގައި އެފަރާތާއި ޙަވާލުކުރަންޖެހޭ 501،907،032 ރުފިޔާގެ ތެރެއިން 431،289،881 ރުފިޔާ އެކުންފުނީގެ އެކައުންޓަށް ދެއްކުމަށްފަހު، 151،617،70 ރުފިޔާ ޙަވާލުކޮށްފައިވަނީ "އެމްއެމް އެކްސްޕޯޓް" ގެ އޭޖެންޓެއްގެ ގޮތުގައި ރާއްޖޭގައި ޙަރަކާތްތެރިވާ، މީގެކުރިން ހުންނެވި މެނޭޖިންގ ޑިރެކްޓަރާއި ޢާއިލީގޮތުން ވަރަށް ގާތް އަމިއްލަ ފަރުދަކާއި ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އޮޑިޓް ރިޕޯޓްގައި ވަނީ، މާނަވީގޮތަށް ބީލަމުގެ އުޞޫލުން އޭގެ މަންފާ ހެޔޮގޮތުގައި ކުންފުންޏަށް ލިބޭގޮތަށް ނޫނީ ކާޑުގެ ބާވަތްތަކާއި އަދި އެހެން މުދާވެސް ކުންފުންޏަށް ނުހޯދުމަށް އެސްޓީއޯއަށް ހުށަހަޅުއްވާފައެވެ.

އެސްޓީއޯއަށް ތަކެތި ގަންނަ ސަޕަލަޔަރުންނަށާއި، އެސްޓީއޯއިން ތަކެތި ގަންނަ ކަސްޓަމަރުންނާއެކު ހިންގޭ މުޢާމަލާތު ތަކުގައި ކުންފުނީގެ މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތައް އެއްގޮތަކަށްވެސް މެދުވެރިނުކުރުމަށާއި، އަދި ފައިސާ ދައްކަވަންޖެހޭ ފަރާތްތަކަށް، އެފަރާތްތަކުގެ ބޭންކް އެކައުންޓަށް ސީދާ ފައިސާ ފޮނުވުމަށްވެސް ވަނީ އަންގަވާފައެވެ.

އަދި "އެމްއެމް އެކްސްޕޯޓް" އަށް ދޫކުރެވިފައި ހުރި ފައިސާ ރަނގަޅަށް ބައްލަވައި، ނަހަމަގޮތުގައި ފައިސާއެއް ދެވިފައިވާނަމަ އެފައިސާ ދެވުނު ފަރާތުން އަނބުރާ ހޯއްދެވުމަށާއި، މިގޮތުން ކުންފުނީގެ މުވައްޒަފުން ބައިވެރިވެގެން ފައިސާ އިތުރަށް ދެވިފައިވާނަމަ އެމުވައްޒަފުން ޖަވާބުދާރީ ކުރުވުމަށްވެސް އަންގަވާފައިވެއެވެ.

Wednesday, October 8, 2008

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފައިސާގެ ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ



07 އޮކްޓޫބަރ 2008
ޝާހީން އަލީ - ހާމަނޫސް
image

އޯޑިޓް އޮފީހުން ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޯޑިޓް ރިޕޯޓުގައި ހިމަނާފައި ހުރި ކަންތައްތަކަކީ، ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް އެޓާރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. އާޒިމާ ޝަކޫރު މިހެން ވިދާޅުވީ އިއްޔެ އޯޑިޓް އޮފީހުން ނެރުއްވި އޯޑިޓް ރިޕޯޓާއި ބެހޭގޮތުން މިއަދު މެންދުރުފަހު ފަންސަވީސް މާލަމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

އާޒިމާ ވިދާޅުވީ، އިއްޔެ އޯޑިޓް އޮފީހުން ނެރުނު މިރިޕޯޓުގައިވާ ކަންތައްތަކަކީ ކަންހިގާފައި އޮވެދާނެކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާ ގޮތްތަކެއްގެ މައްޗަށްކަމުން، މިކަމަކީ ވަރަށް ހިތާމަހުރިކަމެއް ކަމަށެވެ. އަދި ޔަޤީންނުވާ "ނަމަ" ތަކެއްގެ މައްޗަށް މިރިޕޯޓްގެ ބައިތަކެއް ބިނާކުރައްވާފައިވާކަމީވެސް ވަރަށް ހިތާމަހުރިކަމެއް ކަމުގައެވެ. މިކަން ރައީސުލްޖުމުހޫރިއްޔާ އޮފިހުން ނެރުއްވި ނޫސްބަޔާނުގައިވެސް ފާހަގަކުރައްވާފައިވެއެވެ.

އާޒިމާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ އޮފީސް ފުރަތަމައިނުން ފެށިގެންވެސް ވަރަށް ރަނގަޅަށް ބަލަހައްޓާފައިކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ސަރުކާރުގެ މުދަލެއް ނުވަތަ ފައިސާއެއް ނަހަމަގޮތުގައި ބޭނުން ކޮށްފައިނުވާކަން ޔާޤީންކަމާއެކު ދަންނަވަން ކެރޭކަމުގައެވެ.

މިއަދުގެ މިނޫސްކޮންފަރެންސް ކުރިޔަށްދަނިކޮށް ރައީސް މައުމޫން ވަނީ އެތަނަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. އޮޑިޓް ރިޕޯޓާއިބެހޭގޮތުން ރައީސް މައުމޫން ވިދާޅުވީ، އިންތިޚާބަށް މިހާ ވަގުތު ކުޑަތަންވެފައިވާ މިދަޑިވަޅުގައި މިފަދަ ރިޕޯޓެއް ޝާއިރު ކުރެއްވުމަކީ، އެމަނިކުފާނަށް ޤާނުނީގޮތުން ލިބިވަޑައިގަންނަވާ ޙައްޤުތަކަކަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށާއި، މިފަދަ ދަޑިވަޅެއްގައި މިފަދަކަމެއް ކުރުމަކީ ކޮންމެވެސް އެހެންކަހަލަ މަޤްސަދެއްގައި ކުރެއްވި ކަމެއްކަމަށާއި، މިއީ ޓައިމްބޮމެއް ގޮއްވާލުން ކަހަލަ ކަމެއް ކަމަށެވެ. މިއީ މީސްތަކުންގެ ހިތުގައި ޝައްކު އުފެއްދެވުމުގެ ގޮތުން ކުރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޯޑިޓް އޮފީހުން ތައްޔާރު ކުރެއްވި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2007 ވަނަ އަހަރުގެ އަހަރީ އޯޑިޓް ރިޕޯޓާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާގެ އޮފިހަށް ފެންނަގޮތާއި، އަމަލުކުރަން ނިންމާފައިވާގޮތް އެއޮފީހުގެ ފަރާތުން މިއަދު ވަނީ ނޫސްބަޔާނެއް ނެރުއްވާފައެވެ. މިނޫސްބަޔާނުގައި، ވަނީ މިރިޕޯޓުގައިވާ ކަންކަމުގައި ވަރަށްގިނަ އޮޅުންތަކެއް ހުރިކަމަށް ފެންނާތީ އިއްޔެ އެއޮފީގެ ކަމާއިބެހޭ މުވައްޒަފުން އޮޑިޓަރ ޖެނަރަލާއެކު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބައްދަލުކުރައްވައި، މިއޮޅުންތައް ފާހަގަކުރައްވާފައިވާކަމަށެވެ. އަދި ކަމުގެ ހަޤީގަތް ސާފުކޮށް އެރުފައިވާނޭ ކަމަށާއި، ހަމައެއާއެކީ އެއޮފީހުން މިރިޕޯޓަށް ލިޔުމުން ޖަވާބެއް ދިނުމުގެ ފުރުސަތަކަށް އެދިފައިވަނިކޮށް އެފުރުސަތު ނުދެއްވައި، ރިޕޯޓު ޢާންމު ކުރެއްވުމަކީ އެއޮފީހުން ހިތާމަކުރާކަމެއްކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފައިސާގެ ބޮޑެތި މައްސަލަތައް އުޅޭކަން ހާމަކުރައްވާފައިވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ދޫކުރައްވާފައިވާ ލޯނުތަކާއި ދެއްވާ އެހީތަކުގެ ދަށުން، އެމް.އެމް.އޭ އިން ނަންގަވައިގެން ދޫކުރެވުނު ލޯނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެކައުންޓުން ދޫކުރައްވާފައިވާ ލޯނުތަކާއި، ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހިލޭ އެހީއާއި، ސްޓޭޓް މިނިސްޓަރަކަށް ގޭ ކުލި ދައްކަވަން ދެއްވާފައިވާ އެހީއާއި، ރާއްޖޭގެ ބައެއް ނޫސްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ބަޖެޓުން ދެއްވާ އެހީ، ޚާއްޞަގޮތެއްގައި ފާހަކުރައްވާފައިވެއެވެ. މިމައްސަލަތައް ބަޔާންކުރައްވައި، އެކަމާއިގުޅިގެން އަޅުއްވަން ފެނިވަޑައިގަންނަވާ އިސްލާޙީ ފިޔަވަޅުތައްވެސް ރިޕޯޓްގައި ހާމަކުރައްވާފައިވެއެވެ.

މިގޮތުން، ސަރުކާރުން ދޫކުރައްވާފައިވާ ލޯންތަކުގެ ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައިކަމުން، މިލޯނުތަކަކީ ހަޤީޤަތުގައިވެސް އަނބުރާ ހޯއްދަވަން ބޭނުންފުޅު ލޯންތަކެއްކަމަށްވާނަމަ، އަދި މިއީ ފައިސާގެ އެހީއެއްނޫން ކަމަށާއި އަނބުރާ ދައްކަވާ ގޮތަށް ދޫކޮށްފައިވާ ލޯނުކަމަށްވާނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަހައްޓަވާ ލޯނުތަކާއި، ރިޔާސީގަނޑުވަރު ބަލަހައްޓަވާ ލޯނުތަކާ، މިނިސްޓްރީ އޮފް ޑިފެންސް އިން ބަލަހައްޓަވާ ލޯނުތަކާ އަދި މިނިސްޓްރީ އޮފް ފިނޭންސް އިން ބަލަހައްޓަވާ ލޯނުތައް އެއް ލޯނު ރަޖިސްޓްރީއަކަށް ބަދަލުކުރައްވައި، މިހުރިހާ ލޯނުތައް މިނިސްޓްރީ އޮފް ފިނޭންސް ފަދަ ކޮންމެވެސް އެއް މުއައްސަސާއަކުން ބަލަހައްޓަވާ ގޮތަށް ހަމަޖައްސަވައި، އެއަށް ބަރާބަރަށް ފައިސާ ހޯއްދަވައި ލޯނު ޚަލާސް ކުރެއްވުމަށާއި، މިހުރިހާ ލޯންތައް އެއް މުއައްސަސާއަކުން ބަލަހައްޓަވާ ގޮތަށް ހަމަޖެއްސެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ނުދެއްވައިގެން ޝަރީޢަތަށް ހުށަހަޅުއްވައިގެން ލޯނު އަނބުރާ ހޯއްދަވަން ދަތިވެއްޖެނަމަ، ހުރިހާ ލޯނުތައް ކޮންމެވެސް ބެންކަކަށް ވިއްކާލައްވައިގެން ނަމަވެސް މިފައިސާ ހޯއްދެވުން، ނުވަތަ ލޯންފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވާ ފަރާތަކާ ޙަވާލު ކުރައްވައިގެން ލޯނުތައް އަނބުރާ ހޯއްދެވުން ހިމެނެއެވެ.

މިގޮތަށް ލަފާދެއްވީ، މިވޭތުވު ގޮސްފައިވާ އަހަރުތަކުގައި މިލޯނުތަކަށް ފައިސާ އަނބުރާ ހޯއްދެވުމުގެ މަސައްކަތް ގެންދެވިފައިވާ ގޮތަށް ބެލުމުން، ސަރުކާރުގެ އެއްވެސް އިދާރާއަކާއި ޙަވާލުކޮށްގެން މިފައިސާ އަނބުރާ ހޯދިދާނެ ކަމަކަށް ޤަބޫލު ނުކުރެވޭތީކަމަށާއި، ސަރުކާރުން ލޯނު ދިނުމުގެ މަޝްރޫޢު ހިންގުމާ ދުރުހެލިވާންޖެހެނީ މިސަބަބަށްޓަކައިކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ސަރުކާރުގެ އެހެން އޮފީސްތަކުން އެކިކަންކަމަށް ލޯން ދޫކުރެއްވުން މިހިނދުން މިހިނދަށް މުޅިންހުއްޓާލެއްވުމަށް އަންގަވައި، މިގޮތަށް ދެންނެވީ މިގޮތަށް ދޫކުރައްވާ ލޯނުތަކުގައި ޖެހޭ ސިޔާސީ ކުލަވަރުގެ ސަބަބުން ލޯނު އަނބުރާ ހޯއްދެވުން އުދަގޫފުޅުވާތީ އާއި، ސަރުކާރުގެ އޮފީސްތަކަކީ ލޯނުދީ ލޯނު އަނބުރާ ހޯދުމުގެ ހުނަރުވެރިކަމާ ވަޞީލަތްތައް ހުންނަތަންތަން ކަމަށް ނުވާތީއާއި، އަދި ލޯނު ދިނުމަކީ ބޭންކް ތަކުން ކުރާކަމެއްކަމުގައި ވާތީކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި މީގެތެރެއިން އެއްގޮތަކަށްވެސް ފައިސާ ދައްކަމުން ނުގެންދަވާ ލޯނު އަނބުރާ ހޯއްދެވުމަށްވެސް އަންގަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިލޭ އެހީ ދެއްވަމުން ގެންދެވުން މިހިނދުން މިހިނދަށް ހުއްޓާލައްވައި، އެކަންކަން ހިންގަވާ ދައުލަތުގެ މުއައްސަސާތަކުން އެތަންތަނުގެ ބަޖެޓުގައި ހިމަނުއްވައިގެން މިފަދަ ފައިސާ ދެއްވާގޮތަށް ބަދަލު ކުރައްވައި އެތަންތަނުން މުސްތަޤްބަލްގައި މިމަސައްކަތްތައް ކުރައްވާ ގޮތަށް ހަމަޖެއްސެވުމަށްވެސް އަންގަވާފައިވެއެވެ.

ސްޓޭޓް މިނިސްޓަރަކަށް ގޭ ކުލި ދައްކަވަން ދެއްވާފައިވާ އެހީ ދެއްވާފައިވާ މައްސަލައިގައި، މިއެލަވަންސް ދެއްވާފައިވަނީ މިކަމަށް ގެންގުޅުއްވާ އުސޫލާ ޚިލާފަށްކަމަށާއި ނަހަމަ ގޮތުގައި، ކަމުގައިވާތީ މިފައިސާ އަނބުރާ އަތުލެއްވުމަށް އަންގަވާފައިވެއެވެ.

ބައެއް ނޫސްތަކަށް ހިލޭ އެހީ ދެއްވާ މައްސަލައިގައި އަންގަވާފައިވަނީ، މިގޮތަށް ދެއްވާ މިސަބްސިޑީތައް މިހާރުން މިހާރަށް ހުއްޓާލެއްވުމަށެވެ. އަދި މިގޮތަށް މިދެންނެވީ މިހާރު ނޫސްވެރިކަމާއި އެނޫސްތައް (އެހީދެއްވާ ނޫސްތައް) ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު މިކަމަކީ މާއެކަށީގެންވާ ކަމެއްކަމަށް ނުފެންނާތީ ކަމަށެވެ. އަދި އެފަދަ އެއްވެސް ސަބްސިޑީއެއް ދެެއްވަން މަޖުބޫރުވެއްޖެ ޙާލަތެއްގައި، އެސަބްސިޑީ ދެއްވަންވާނީ ނުސީދާ ސަބްސިޑީއެއްގެ ގޮތުގައި ނޫންކަމަށާއި، ސަބްސިޑީއެއްގެ ގޮތުގައި ބަޖެޓުގައި ހިމަނުއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަދަލުގައި އެކަމާގުޅޭ އިދާރާއަކުންކަމަށްވެސް އަންގަވާފައިވެއެވެ.

Press Release of Sun Investment On Auditor General's Report